ޚަބަރު

އަނިޔާކުރި 7 ފުލުހުންގެ މައްސަލަ އިތުރަށް ބަލަން ސީޕީ ހުށައަޅައިފި


މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި މީހަކަށް އަނިޔާކުރި ހަތް ފުލުހެއްގެ ވަޒީފާ ދަށްކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން، އިސްތިއުނާފު ކޮމިޓީން އިތުރަށް ބަލައި މުރާޢަޖާކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ހުށައަޅުއްވައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހަތް ފުލުހުންގެ މައްސަލަ ތަޙްޤީގުކޮށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ޑިސިޕްލިނަރީ ބޯޑަށް ހުށައެޅުމުން އެ 7 ފުލުހުން ޑީމޯޓްކޮށް، ވަޒީފާ އަދާކުރާ ޑިޕާޓްމަންޓް ބަދަލުކުރުމާއެކު، އަޚްލާގީ ކުލައާއި މެޑަލް އަތުލުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާކަމަށެވެ.

ނަމަވެސް، ޑިސިޕްލިނަރީ އަދި އިދާރީކުށްތަކާއި އެކުށްތަކަށް އަދަބުކަނޑައަޅާ ޤަވާޢިދުން ކޮމިޝަނަރ އޮފް ޕޮލިސްއަށް ލިބިދީފައިވާ ބާރުގެ ދަށުން އެމައްސަލަ، ސީޕީ މުޙައްމަދު ހަމީދުވަނީ ޑިސިޕްލިނަރީ ބޯޑުގެ ނިންމުން އިތުރަށް ބަލާ ދިރާސަކުރުމަށް އިސްތިއުނާފް ކޮމިޓީއަށް ހުށަހަޅުއްވާފައެވެ.

މިއާއެކު އެ ހަތް ފުލުހުންގެ މައްސަލަ ފުލުހުންގެ އިސްތިއުނާފު ކޮމެޓީން ބަލަމުންދާކަމަށާއި، އެ މައްސަލާގައި އެކޮމެޓީން ވަކިގޮތެއް ނިންމަންދެން އެފުލުހުން ވަޒީފާއަށް އަނބުރާ ނުނެރޭކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.

މި މައްސަލައިގައި ފުލުހުންގެ ފަރާތުން ނިންމަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވާކަމަށާއި، ނަމަވެސް ޕީޖީގެ ޑިއުޓީ ޕްރޮސިކިއުޝަނަށް ޑޮކްޓަރެއްގެ ރިޕޯޓް ބޭނުންވާކަމަށް އަންގަވާފައިވާތީ އެރިޕޯޓު ލިބުމުން މައްސަލަ ޕްރޮސިކިއުޓަރ ޖެނަރަލަށް ހުށައަޅާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން މައުލޫމާތުދެއްވައެވެ.

މިދިޔަ ޖުލައި މަހުގެތެރޭގައި މާފަންނު ގެއެއް ބަލައި ފާސް ކުރުމަށް ފުލުހުން ހިންގި އެއޮޕަރޭޝަންގައި ހަރަކާތްތެރިވި ބައެއް ފުލުހުން މީހަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.