ޚަބަރު

ކޯޗުގެ އިސްތިޢުފާއަށްފަހު، ކުޅުންތެރިންނަށް ކުލަބު ދޫކޮށް ދިއުމުގެ ޙުއްދަ ޓީސީން ދީފި


މިދިޔަ ސީޒަނުގައި ދިރާގު ދިވެހި ލީގު ކާމިޔާބުކުރި ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު އާތިފް އިސްތިޢުފާ ދީފައިވަނިކޮށް ކުލަބު ދޫކޮށް ދާން ބޭނުންވާ ކުޅުންތެރިން ހުއްޓުވަން މަސައްކަތް ނުކުރާނެކަމަށް އެ ކުލަބުން ބުނެފިއެވެ.

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗުކަމުގެ މަޤާމުން މުޙައްމަދު އާތިފް އިސްތިޢުފާ ދިނީ އާދިއްތަ ދުވަހު އެ ކުލަބަށް ފޮނުވި ސިޓީއެއްގައެވެ. އެ ސިޓީގައި އާތިފް ބުނެފައިވަނީ ކުޅުންތެރިންގެ ކަނބޮޑުވުންތަކެއް ހުރުމުން، ކުޅުމަށް އޭގެ އަސަރުކުރުމާއި ކުޅުންތެރިންގެ ޝަކުވާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކުރެވުނު މަސައްކަތް ނާކާމިބުވުމުންނެވެ. އެގޮތުން، އެކި ފަހަރުމަތިން ޓީސީގެ އިސްވެރިންނާ މަޝްވަރާކޮށްގެންވެސް އެދެވިގެންވާ ޙައްލެއް ނުލިބުމުން އިސްތިޢުފާ ދޭން ނިންމީކަމަށް އާތިފުގެ ސިޓީގައި ބުނެފައިވެއެވެ. އަދި އޭނާ މި ނިންމުން ނިންމީ ޓީމުގެ މެނޭޖަރާއި އެސިސްޓެންޓް މެނޭޖަރާއި މަޝްވަރާ ކުރުމަށްފަހުކަމަށްވެސް އޭނާވަނީ ބުނެފައެވެ.

މީގެ އިތުރުން، ޓީސީއާއި އާތިފާއި ދެމެދުވެފައިވާ އެއްބަސްވުމުގެ 3ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާއަށް ދޭން ޖެހޭ މުސާރަ ފާއިތުވި 3 މަސް ދުވަހު ދީފައިނުވާކަންވެސް އެ ސިޓީގައި އޭނާ ފާހަގަކޮށްފައިވެއެވެ. އާތިފުގެ އިސްތިޢުފާ ކުލަބުން ޤަބޫލުކޮށްފައިވާކަން ޓީސީގެ ފައުންޑަރ މެންބަރުކަމަށްވާ އަޙްމަދު ނާޝިދު (ޑޭވް)ވަނީ ކަށަވަރުކޮށްދީފައެވެ.

ކޯޗު އާތިފް ހިމެނޭހެން ޓީސީގެ ކުޅުންތެރިންނަށް ފާއިތުވި 3 މަސްދުވަހުގެ މުސާރަ ނުދެވުނީ މާލީ ޙާލަތު ވަރަށް ބޮޑަށް ދަށްވެގެންކަމަށް ޑޭވް ބުނެއެވެ. އެހެންކަމުން، އާދިއްތަ ދުވަހުގެ ރޭ ކުޅުންތެރިންނާއި ބައްދަލުކުރުމަށްފަހު، ކުލަބު ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންނަށް އެކަމުގެ ޙުއްދަ ދީފައިވާނެކަމަށް އޭނާ ބުންޏެވެ.

ޓީސީ އަޑިއަޅާލާއި މާލީ ބޮޑު އަނދަވަޅަކަށް ވެއްޓި ކޯޗާއި ކުޅުންތެރިން ގެއްލެން މެދުވެރިވި މައްސަލާގައި ޑޭވް ތުޙުމަތުކުރަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ސޯޝަލް އެންޕަވަރމަންޓާއި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)އާ ދެމެދު އެފެދިފައިވާ ބޮޑު ކޯޅުންގަނޑެވެ. މީގެ ކުރިން ސަރުކާރުން ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް 3 މިލިއަން ރުފިޔާ ދިން ނަމަވެސް މިއަހަރު އެ ފައިސާ ނުލިބޭކަމަށާއި ފާއިތުވި 2 އަހަރު ޓީސީ ބަރޯސާވެފައި އޮތީ އެ ފައިސާއަށްކަމަށްވެސް ޑޭވް ބުންޏެވެ. އަދި ސަރުކާރު ކުންފުނިތަކުން ކުލަބު ހިންގުމަށް ސްޕޮންސަރ ލިބުންވެސް ވަރަށް ބޮޑަށް ދަތިވެފައިވާކަމަށް ޑޭވްވަނީ ބުނެފައެވެ.

ޔޫތު މިނިސްޓްރީންވަނީ މި އަހަރު ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް 400،000އަށްވުރެ ގިނަ ރުފިޔާ ދީފައެވެ.