ޚަބަރު

މ.އަތޮޅު ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ފައިނަލަށް ވެދުން ވޮލީ ޓީމު ދަތުރުކޮށްފި


މ.އަތޮޅު ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ވެދުން ވޮލީ ޓީމު ޖާގަ ހޯދައިފިއެވެ.

މ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ވޭވަށު ވެދުން ވޮލީ ޓީމު ކަށަވަރުކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މުލަކު މަސްވެރިންގެ ރޫހު ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ވޭވަށު ޓީމުން ގެންދިޔައީ 25-22، 25-14 އަދި 25-20ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ވޭވަށު ވެދުން ވޮލީ ޓީމުގެ ކެޕްޓަން އައިޝަތު ރިޒުނާއެވެ.

މުބާރާތުގެ އަންހެން ބައިގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މުލަކު ވުމަންސް ވޮލީ ކުލަބު ނިކުންނަނީ ނާލާފުށި ޒުވާނުންގެ ޖަމްޢިއްޔާއާ ދެކޮޅަށެވެ. މި އަހަރުގެ މުބާރާތުގެ އަންހެން ބައިގައި 10 ޓީމެއް ވާދަކުރާއިރު، ފިރިހެން ބައިގައި ފަސް ޓީމެއް ވާދަކުރެއެވެ. އަންހެން ބައިގެ ފައިނަލް މެޗު މާދަމާ ހަވީރު ކުޅޭއިރު، ފިރިހެން ބައިގެ ފައިނަލް މެޗު ކުޅޭނީ މާދަމާ ރެއެވެ. ފިރިހެން ބައިގެ ފައިނަލުގައި ވާދަކުރަނީ މުލީ ވޮލީ ޓީމާ ރަތްމަންދޫ ވޮލީ ޓީމެވެ.