ޚަބަރު

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލައިފި


ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ބާކައުންސިލުން މިއަދު ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަން ޖެހެނީ މި އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް ބާޖަމާލުއްދީނުގައި ޤާއިމުކޮށްފައިވާ މަރުކަޒަށެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް ކުރިމަތިލާ ފަރާތަކީ ޤާނޫނީ ދާއިރާގައި ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި ޤާނޫނީގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުމާއި ނުވަތަ ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައިވެސް ވެގެން ނުވާނެއެވެ. އަދި ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެންވެސް ނުވާނެ ކަމަށް ބާ ކައުންސިލް ބުނެއެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، މި މަހުގެ 28 ވަނަ ދުވަހުއެވެ.

ބާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެ ކޮމެޓީއަށް އިންތިހާބުވި އައިޝާ ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާއި ގުޅިގެން އެކަމަނާ އެ މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.