ވިޔަފާރި

ކޮކޫން މޯލްޑިވްސްއިން ބާއްވާ ކައިޓް ފެސްޓިވަލް މިމަހު ފަށަނީ


ކޮކޫން މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ކައިޓް ފެސްޓިވަލް މިމަހު ފެށުމަށް ނިންމައިފިއެވެ.

ގުޑި އަރުވާ މީހުން ބައިވެރިވާ ކައިޓް ފެސްޓިވަލް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ކޮކޫން މޯލްޑިވްސްއިން ބުނެއެވެ. މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަނާ ގުޅިގެން ކޮކޫން މޯލްޑިވްސްއިން ބާއްވާ ކައިޓް ފެސްޓިވަލް 3 ސަރަޙައްދެއްގައި ކުރިއަށްދާނެއެވެ. އެއީ މާލޭގެ ސްޓޭޑިއަމް ސަރަޙައްދާއި، ޅ. ހިންނަވަރާއި އަދި ކޮކޫން މޯލްޑިވްސް ރިސޯޓުގައެވެ.

2017 ވަނަ އަހަރުވެސް ކައިޓް ފެސްޓިވަލެއް ބާއްވާފައިވާއިރު، މިއަހަރުގެ ފެސްޓިވަލުގައި އިޓަލީއާއި، ބްރެޒިލް އަދި ޗައިނާގެ ކައިޓް ފްލައި ޗެމްޕިއަނުން ބައިވެރިވާނެއެވެ. މާލޭގައި މިހަރަކާތް މިމަހުގެ 28 ވަނަ ދުވަހު ކުރިއަށްދާއިރު، ހިންނަވަރުގައި މި ހަރަކާތް ކުރިއަށްދާނީ އަންނަމަހުގެ 4 ވަނަދުވަހުއެވެ. އަދި ކޮކޫން މޯލްޑިވްސްގައި މިހަރަކާތް ކުރިއަށްދާނީ މިމަހުގެ 28 ވަނަ ދުވަހުން އަންނަމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިހަރަކާތުގެ ތެރެއިން އާއްމުންނަށް ބައިވެރިވެވޭ ލަކީ ޑްރޯއެއް ކުރިއަށްދާއިރު، ލަކީ ޑްރޯއިން ހޮވޭ ފަރާތްތަކަށް ކޮކޫން މޯލްޑިވްސްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ކައިޓް ފެސްޓިވަލް އިންތިޒާމްކުރާ ކޮކޫން މޯލްޑިވްސްއަކީ ޅ. އަތޮޅުގައި ތަރައްޤީކޮށްފައިވާ ފައިވް ސްޓަރ ރިސޯޓެކެވެ.