ރިޕޯޓް

ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ދެ ބިދޭސިއަކު ޑީޕޯޓުކޮށްލުމާއެކު އިމިގްރޭޝަނަށް ފާޑުކިއުން އަމާޒުވެއްޖެ!


ޤާނޫނީ ބޮޑެތި ކުށްތަކެއްކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ދެ ބިދޭސީއަކު ރާއްޖެއިން ޑީޕޯޓުކޮށްލި މައްސަލާގައި މޯލްޑިވްސް އިމިގްރޭޝަނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވާން ފަށައިފިއެވެ.

ރާއްޖޭގައި ޤަވާޢިދާޚިލާފަށް ގިނަ ޢަދަދެއްގެ ބިދޭސީން އުޅެމުންދާއިރު، އެމީހުންގެ ފުށުން އިޖްތިމާޢީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާކަމީ މިއަދު ގިނަބަޔަކު ޤަބޫލުކުރާ ހަޤީޤަތެކެވެ. ކަންމަތީ ފިހާރަތަކުން ފެށިގެންގޮސް، ބޮޑެތި ގެސްޓްހައުސްތައް އޮޕަރޭޓްކުރުން ފަދަ ކަންކަމުގައިވެސް އެމީހުންގެ ޝާމިލުވުން އޮތްއިރު، މިއީ ރާއްޖޭގެ އިޤްތިޞާދަށްވެސް އޮތް ނުރައްކަލެއްކަން ވަނީ ހާމަވެފައެވެ.

ދިވެހިން ޢަމްދަނީ ހޯދުމަށް އާއްމުކޮށް ކޮށްއުޅޭ ހުރިހާ މަސައްކަތެއްގައިހެން، ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ބައިވެރިވުން ބޮޑުވެ، އެކި ސިނާޢަތްތަކަށް އެމީހުންގެ ނުފޫޒު ފޯރާފައިވާ މިންވަރު މިހާރު ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަމުންދެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުންވެސް ރާއްޖޭގައި ޤަވާއިދާޚިލާފަށް އުޅެމުންދާ ބިދޭސީންގެ ޢަދަދު 60000 އަށްވުރެ މައްޗަށް އަރައެވެ. ޤަވާއިދާޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިމިގްރޭޝަނުން ދާދިފަހުން ވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ، ބޮޑެތި ތުޙުމަތުތަކެއް ކުރެވޭ ދެ ބިދޭސީއަކު ޑީޕޯޓުކޮށްލާފައެވެ.

އިމިގްރޭޝަނުން ފުރަތަމަ ޑީޕޯޓުކޮށްލާފައިވަނީ އުމުރުން 49 އަހަރުގެ އެމް.ޑީ ޝަފީޤުލް އިސްލާމް ކިޔާ ބަގްލަދޭޝްގެ ފިރިހެނެކެވެ. "މާސްޓަރ"ގެ ނަމުން މަޝްހޫރުވެފައިވާ މިމީހާއަކީ ޤަވާއިދާޚިލާފަށް ބިދޭސީން ރެކްރޫޓްކޮށް، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންދާކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ރާއްޖެއިން ޑީޕޯޓްކޮށްލާފައިވަނީ ފުލުހުންނާގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގެ ތެރެއިން މިމަހުގެ 12ވަނަ ދުވަހުއެވެ.

ދެވަނައަށް އިމިގްރޭޝަނުން ޑީޕޯޓުކޮށްލާފައިވަނީވެސް ހަމަ ބަގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ. އަބޫ ހަނީފް ނަމަކަށްކިޔާ މިމީހާ ޑީޕޯޓުކޮށްލާފައިވަނީ މިމަހުގެ 13ވަނަ ދުވަހުއެވެ. އޭނާ ޑީޕޯޓުކުރީ ރާއްޖޭގައި ހުރުމަށް އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައާއި ޝަރުތުތަކާ ޚިލާފުވުމުގެ ސަބަބުން، އޭނާ އެއަރޕޯޓުން ހިފަހައްޓައި ނޯޓިސްވެސް ދިނުމަކާނުލައި އޭނާއަށް ދީފައިވާ ހުއްދަ ބާޠިލުކުރުމަށްފަހުއެވެ.

ބުނެވޭ ގޮތުގައި ހަނީފަކީވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މީހެކެވެ. 2014ވަނަ އަހަރު އިމިގްރޭޝަނުން ދޫކުރި ވޯކް ވިސާއާއެކު އޭނާ ރާއްޖެއަށް އެތެރެވެފައިވަނީ ވަޑާމުގެ މަސައްކަތްކުރުމަށެވެ. ނަމަވެސް އޭނާގެ މައްޗަށް، މަނީ ލޯންޑަރކުރުމާއި، ޤަވާއިދާ ޚިލާފު ވިޔަފާރިތަކެއް ހިންގަމުންދާކަމުގެ ތުޙުމަތު ކުރެވެއެވެ.

މި ދެމީހުންގެ މައްސަލަ ތަޙުޤީޤުކުރުމެއްނެތި، ޑިޕޯޓުކޮށްލުމާގުޅިގެން އެކި ފަރާތްތަކުގެ ފާޑުކިއުންތައް މޯލްޑިވްސް އިމިގްރޭޝަނަށް ވަނީ އަމާޒުވާން ފަށާފައެވެ. އެގޮތުން އެމީހުންގެ މައްޗަށް ބޮޑެތި ޖިނާޢީ ތުޙުމަތުތަކެއް ކުރެވޭއިރު، އެއްވެސް ކަހަލަ ތަޙުޤީޤެއް ހިންގުމެއްނެތި އެމީހުން ރާއްޖެއިން ފޮނުވާލުމަކީ އެމީހުންނާ އަޑިއަޑިން ގުޅިފައިވާ ނެޓްވޯކްތަކަށް އެމީހުންގެ ކުށްތައް ފޮރުވުމަށް ލިބޭ ފުރުޞަތެއްކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ. އަދި އެފަދަ މަައްސަލަތައް ތަޙްޤީޤުކޮށްގެންނޫނީ، އެމީހުންނާގުޅިފައިވާ ނެޓްވޯކްތަކުގެ ހަޤީޤަތްވެސް ނުހޯދޭނެކަމަށް، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައިވަނީ ޝުޢޫރު ފާޅުކޮށްފައެވެ.

މިކަމާގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އެމުއައްސަސާއިން ދިވެއްސެއްގެ މައްޗަށްވިޔަސް އަދި ބިދޭސީއެއްގެ މައްޗަށްވިޔަސް ފިޔަވަޅު އަޅާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ޚިލާފުވުމުންކަމަށެވެ. އަދި އެންމެފަހުން ޑީޕޯޓުކޮށްލި ދެމީހުންވެސް ޑީޕޯޓްކޮށްލާފައިވަނީ އެމީހުންނަށް ދޫކޮށްފައިވާ ވިސާއާ ޚީލާފުވެފައިވާތީކަމަށާއި، އިމިގްރޭޝަނަކީ ޖީނާޢީ ކުށްތައް ތަޙްޤީޤުކުރާ އިދާރާއެއް ނޫންކަމަށްސް އެމުއައްސަސާއިން ވިދާޅުވެފައިވެއެވެ.

އެ ދެމީހުންނާ ގުޅޭގޮތުން ޖިނާޢީ އެއްވެސްކަމެއް އެއްވެސް އިދާރާއަކުން ތަޙްޤީޤުކުރަމުންދާކަމުގެ މަޢުލޫމާތު އިމިިގްރޭޝަނާ ޙިއްސާކޮށްފައިނުވާކަމަށާ، އެފަދަ މަޢުލޫމާތެއް ހިއްސާކޮށްފައިވާނަމަ، އިމިގްރޭޝަންގެ ފުރިހަމަ އެއްބާރުލުން އެ އިދާރާއަކަށް ލިބިގެންދާނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ.

ކޮންމެއަކަސް ރާއްޖޭގައި ހިންގާ ޖިނާޢީ އެކިއެކި ކުށްތަކުގައި ބިދޭސީންގެ ޝާމިލުވުން އިތުރުވެގެންދާކަމީ މިއަދު ރާއްޖެއަށް ދިމާވެފައިވާ ބޮޑު ޤައުމީ މައްސަލައެކެވެ. އަދި ޤަވާއިދާޚިލާފަށް އުޅެމުންދާ ބިދޭސީންގެ ސަބަބުން އެތައް މައްސަލަތަކެއް އިތުވެފައިވާކަންވެސް ފާހަގަކުރެވެއެވެ. އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، ހިއުމަން ޓްރެފިކިންގއާއި ބޮޑެތި މާރާމާރީތަކާއި، މީހުން މެރުން ފަދަ ކަންކަމަކީ މިއަދު މިދެންނެވި ފަދަ ބިދޭސީންގެ މެދުގައިވެސް ހިންގާ ޖަރީމާތަކެކެވެ.

އެހެންކަމުން ބޮޑެތި ކުށްތައްކުރާ ފަރާތްތަކާމެދު ޤާނޫނީގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އެޅިގެންދިއުން މިއީ މުޅި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމާވެސް ގުޅިފައިވާ މުހިއްމުކަމެކެވެ.