ޚަބަރު

މަޖިލީހުގެ ޖަލްސާތައް މިމަހުގެ 22ގައި ފަށަނީ


ޓެރަރިޒަމްގެ ޤާނޫނު އިސްލާޙުކުރުމަށް ދައުރުންބޭރުގައި ބާއްވާ ޖަލްސާތައް މިމަހުގެ 22ގައި ފަށަން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މިޖަލްސާތައް ބޭއްވުމަށް ނިންމާފައިވަނީ މަޖިލީހުގެ ޤަވާއިދު 89ވަނަ މާއްދާގައި ބުނެފައިވާގޮތަށް މަޖިލީހަށް ހުށަހެޅޭ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، އިއްވާތާ ސާފު ހަތް ދުވަސް ފަހުންނެވެ. ޓެރަރިޒަމްގެ ޤާނޫނު އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލުގެ ފުރަތަމަކިޔުން މިމަހުގެ 12ވަނަ ދުވަހު ބޭއްވި ދައުރުން ބޭރު ޖަލްސާގައި ވަނީ އިއްވާފައެވެ. އަދި އެދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސްވަނީ މިބިލާމެދު މެމްބަރުންދެކޭގޮތް ހާމަކުުރުމަށް ފުރުސަތުދެއްވާފައެވެ.

އެޖަލްސާގައި ވާހަކަފުޅުދެއްކެވި އެމްޑީޕީގެ މެމްބަރުންވަނީ ސަރުކާރުން ހުށަހެޅި އިސްލާޙުތަކަމާމެދު ވަރަށްބޮޑަށް ކަންބޮޑުވުން ފާޅުކުރައްބާފައެވެ. އެގޮތުން މަޖިލިސް ޗުއްޓީއަށް ދިއުމުން ސަރުކާރުން މިބިލް ހުށަހެޅުއްވުމުގެ ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށް ބައެއް މެމްބަރުން ވިދާޅުވިއެެވެ. މަޖިލިސް ރައީސް މިމައްސަލާގައި އަމަލުކުރައްވަމުންދާ ގޮތާމެދުވެސް ބައެއް މެމްބަރުންވަނީ އެދުވަހުގެ ޖަލްސާގައި ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

މިމައްސަލާގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަޖިލިސް ހިނގަމުންދާނީ މަޖިލީހުގެ ޤަވާއިދާ ކަނޑައެޅިފައިވާ އިޖުރާއަތްތަކާ، އުސޫލުތަކާ އެއްގޮތަށްކަމަށެވެ. މަޖިލީހުގެ ޖަލްސާތައް މިނޫންގޮތަކަށް ބޭއްވުމަށް ސަރުކާރުން އެދުނު ނަމަވެސް އަދި އެހެން ފަރާތަކުން އެދުނުކަމުގައި ވީނަމަވެސް އެކަމެއް ނުކޮށްދެވޭނެކަމަށެވެ.