ޚަބަރު

ޤަވާއިދާއި ޚިލާފަށް ޕާކްކޮށްފައިވާ 500 އަށްވުރެ ގިނަ ވެހިކަލްގައި ނިމިދިޔަ ހަފްތާގައި ސްޓިކާޖެހި


ފާއިތުވެދިޔަ ހަފްތާގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ 500އަށްވުރެ ގިނަ ވެހިކަލްގައި ސްޓިކާ ޖަހާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ކޮންމެ ހަފްތާއަކު ފުލުހުންނެރޭ ތަފާސްހިސާބުތަކުގެ ތެރެއިން ނިމިދިޔަ ހަފްތާގެ ތަފާސްހިސާބުތަކަށްބަލާއިރު، ޤަވާއިދާއި ޙިލާފަށް ޕާކްކޮށްގެން 544 ވެހިކަލްގައިވަނީ ސްޓިކާޖަހާފައެވެ. 398 ވެހިކަލެއް ބަލާފާސްކޮށްފައިވާއިރު، 70 އުޅަދެއްވަނީ ޓޯކޮށްފައެވެ. ފާއިތުވެދިޔަ ހަފްތާގައި މާލެ ސަރަހައްދުގައި ހިނގި 56 އެކްސިޑެންޓްގައި 9 މީހަކަށް އަނިޔާވެ ހޮޕިޓަލުގައި ވަނީ ފަރުވާދީފައެވެ.

މީގެ އިތުރުން ލައިސަންސްނެތި ސައިކަލު ދުއްވާފައިވާ 94 މީހަކު ހިފަހައްޓަފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ކޮންމެ ހަފްތާއަކު މާލޭގައި ފުލުހުން ހިންގަމުންދާ ޙަރަކާތްތަކުގައި ޤަވާއިދާޙިލާފަށް ހިންގާ ގިނަކަންކަން ބަލައި ފިޔަވަޅު އަޅަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މާލޭގައި މަސައްކަތްކުރަމުންދާ 48 ކޮންސްޓްރެކްޝަން ސައިޓެއް ބަލައި ފާސްކޮސްފައިވާއިރު، ސިގިރޭޓްބުއިން މަނާ ތަންތަނުގައި ސިގިރެޓް ބުއި މައްސަލާގައި 15 ފަރާތެއް ޖޫރިމަނާ ކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ނިމިދިޔަ ހަފްތާގެ ފުލުހުންގެ އެކިޑިޕާޓްމަންޓްތަކުން ކޮށްފައިވާ މަސައްކަތްތައް ޢާންމުކޮށްފައިވާއިރު ނިމިދިޔަ ހަފްތާގައި ފުލުހުންވަނީ ރިޔާސީ ކޮމިޝަނުން ދީފައިވާ ކޯޓުއަމުރުތައް ތަންފީޒުކުރުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް ހިންގާފައެވެ. މި އޮޕަރޭޝަންގައި ފުލުހުންވަނީ މާލެއާއި، އައްޑޫގެ 17 ތަނަކާއި 11 މީހެއް ބަލައި ފާސްކޮށްފައެވެ.