ޚަބަރު

ޤާނޫނީ ބާރުވެރިކަން ލިބުމަކީ ބަހާއި ތާރީޚާއި ސަޤާފަތް ދިރުވަން ލިބުނު ކުރިއެރުމެއް- ޔުމްނާ


ޤާނޫނީ އޮނިގަނޑުގެ ބާރާއެކީ ދިވެހި ތާރީޚާއި ސަޤާފަތާއި ބަސް، ކުރިއެރުވިގެންދާނެ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިލަދެކުނު އަދަބީ އީދު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ ދިވެހި ބަހާއި ސަޤާފަތާއި، ތަރިކައާއި ފަންނުވެރިކަން ކުރިއެރުވުމަށް ޚާއްސަ ޤާނޫނެއް އެކުލަވާލެވިފައިވުމަކީ މިދާއިރާ ކުރިއެރުވުމަށް ލިބުނު ވަރަށްބޮޑު ކުރިއެރުވުމެއްކަމަށެވެ. ފާއިތުވެދިޔަ 12 ވަރަކަށް އަހަރުކުރިން ދިވެހި ބަހާއި ތާރީޙަށް ޙިދުމަތްކުރާ ޤައުމީ މަރުކަޒުގައި މަސައްކަތް ކުރެއްވިއިރު، ބާރާއިއެކީ ތާރީޚާއި ސަޤާފަތާއި ބަސް، ރައްކާތެރި ކުރެވޭނެ ޤާނޫނީ އޮނިގަނޑެއް ނެތްނަމަވެސް އެބާރުވެރިކަން އަދުގެ ސަރުކާރުން ހޯދައި ދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރަކީ ދިވެހިބަހާއި ސަޤާފަތަށް ނުހަނު އިސްކަންދެއްވާ ސަރުކާރެއްކަމަށާއި، މި ސަރުކާރުން ބަހާއި ސަޤާފަތް ދިރުވައި އާލާކުރުމަށާއި، ފަންނުވެރިކަން ކުރިއެރުވުމަށް ޙާއްސަ މިނިސްޓްރީއެއް އުފައްދަވައި ޤާނޫނީ ބާރުވެރިކަން ދެއްވާފައިވާކަމީ މިކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. ދުނިޔޭގެ އެހެންޤައުމު ތަކެކޭވެސް އެއްގޮތަށް ރާއްޖެވެސް ދުވަހެއް ދުވަހަކަށް ކުރިއަރަމުންދާއިރު ތާރީޚާއި ސަޤާފަތާއި ބަސް، ފަޑުނުވާނޭހެން އަމިއްލަ ވަންތަކަން ހިފަހައްޓަންޖެހޭ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފަދަ އަދަބީ އީދުތައް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްސަދަކީވެސް ޅަފަތުން ފެށިގެން އަދަބީ ކަންކަމަށް ދަރިވަރުންގެ ހިތްތަކުގައި ޝައުގުވެރިކަން އުފައްދައި މިކަންކަން ދިރުވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޤާނޫނީ ބާރުވެރިކަމާއިއެކު ބަހާއި، ސަޤާފަތާއި، ތަރިކަ އަދި ބަސްކުރި އެރުވުމަށް އިތުރު މަސައްކަތްތަކެއް ކުރެވިގެންދާ. ކުރިއަރަމުންދާއިރުވެސް އަޅުގަނޑުމެންގެ ދިވެހި ވަންތަކަމާއި، އަދަބީ ކަންކަން ދޫކޮށްލައިގެންނުވާނެ. މިކަންކަން ދޫކޮށްނުލާވެސް އަޅުގަނޑުމެންނަށް ކުރިއަރައިގެން ދެވިދާނެ." ޔުމްނާ މައުމޫން ވިދާޅުވިއެވެ.

މިލަދެކުނު އަދަބީ އީދު ނިންމުމުގެ ރަސްމިއްޔާތުގައި ދިވެހިބަހާއި ތާރީޙަށް ޙިދުމަތްކުރައްވާ ގިނަ އިއްޒަތްތެރިންނާއި، ދިވެހިބަހުގެ އެކެޑަމީގެ އިސްބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.