ޚަބަރު

އަންހެން ފުޓްބޯޅަ ކޯޗުން ތަމްރީނުކުރުމުގެ ކޯހެއް ފަށައިފި


ރާއްޖޭގައި އަންހެން ފުޓްބޯޅަ ކޯޗުން ތަމްރީނުކުރުމުގެ ކޯހެއް ފަށައިފިއެވެ.

މިއީ ޔޫއެފާއާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގައި ކިޔަވައިދެނީ ޔުއެފާގެ އިންސްޓްރަކްޓަރެއް ކަމަށްވާ ނެދަލޭންޑްސްގެ ހެސްޓަރިން ޖެނެޓް ޑި ރޫސެވެ. އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޯހުގައި ބައިވެރިވެރިވެފައިވަނީ ޤައުމީ ޓީމުގެ އަންހެން ކުޅުންތެރިންނާއި ކުރިން ޤައުމީ ޓީމަށް ކުޅެފައިވާ އަދި ފުޓްބޯޅައިގެ ތެރޭގައި މިހާރުވެސް ހަރަކާތްތެރިވާ އަންހެން ބޭފުޅުންނެވެ. މި ކޯހުގައި ބޭސިކް ކޯޗިންނާއި ކޯޗުން އެންމެ ބޯޑަށް ވިސްނަންވީ ކަންތައްތަކާއި އަންހެން ކޯޗުންނަށް ޢަމަލީ މައިދާނުގައި ދިމާވާ ކަންތައްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމުން ބުނެއެވެ.

ޔޫއެފްއާގެ އިންސްޓްރަކްޓަރެއްކަމަށްވާ ހެސްޓަރިން ޖެނެޓަކީ ނެދަލޭންޑްސް ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިއެކެވެ. 2010ވަނަ އަހަރު ބޭއްވި ޢަރަބިއާ ކަޕުގެ ޗެމްޕިއަންކަން ހޯދި އުރުދިންގެ އަންހެން ޤައުމީ ފުޓުބޯޅަ ޓީމުގެ ހެޑު ކޯޗުކަންކޮށްފައިވާ ހެސްޓަރިން ޖެނެޓްވަނީ ނެދަލޭންޑްސްގެ 19 އަހަރުން ދަށުގެ އަންހެން ފުޓުބޯޅަ ޓީމުގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަޤާމާއި ޗައިނާގެ 20 އަހަރުން ދަށުގެ އަންހެން ފުޓުބޯޅަ ޓީމުގެވެސް ޓެކްނިކަލް ޑައިރެކްޓަރުގެ މަޤާމުވެސް އަދާކޮށްފައެވެ.

އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން،، އަންހެން ކޯޗުންނަށް ޙާއްސަކޮށްގެން ސީ ލައިސަންސް ކޯޗިން ކޯހެއްވެސް ބާއްވާފައިވެއެވެ.