ޚަބަރު

ދިވެހި ސަޤާފަތާއި އާދަތަކާއި ޖަޒީރާވަންތަކަށް ދޫކޮށް ނުލެއްވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި


ދިވެހި ސަޤާފަތާއި އާދަތަކާއި ޖަޒީރާވަންތަކަށް ދޫކޮށް ނުލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދިވެހި ރާއްޖެއަކީ މުއްސަނދި ސަޤާފަތަކާއި، ރީތި އާދަތަކެއް އޮތް މުއްސަނދި ޤައުމެއްކަމަށެވެ.

ދިވެހިން ހެދުން އަޅަމުން އައިގޮތާއި، ބަހާއި، އާސަރާރީ މިސްކިއްތަކާއި، ބިނާތަކަކީ ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ކަންތައް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ވަކިން ޙާއްސަކޮށް ރާއްޖޭގައި ހުރި މިސްކިތްތަކާއި، ގަބުރުސްތާނުތަކަކީ ދިވެހިންގެ ޤައުމިއްޔަތާއި ސަޤާފަތް ދައްކުވައިދޭ ތަންތަން ކަމަށާއި، މިތަންތަނަށް ގެއްލުންދީ ފޮހެލުމަށް ނިމިދިޔަ 30 ހަކަށް އަހަރުގެ ތެރޭގައި ބަޔަކު މަސައްކަތްކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ ރީތިކަމާއި، ޖަޒީރާވަންތަކަން ދުނިޔެއަށް ފެނިގެންދަނީ މިފަދަ ސަޤާފީތަންތަނުންކަން ފާހަގަކުރައްވައި އެކަންކަން ދޫކޮށްނުލުމަށް ގޮވާލައްވާފައެވެ.

މިޖަލްސާގައި ރައީސް ނަޝީދު ވަނީ އެކި ރޮގުރޮގު ރޮގުން ވަނަ ހާސިލް ކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވާ ކާމިޔާބުގައި ފޮނިނުވެ، ނާކާމިޔާބުގައި ހިއްވަރު ގަދަ ކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.