ޚަބަރު

ނުފޫޒުން އެއްކިބާވެ އިމިގްރޭޝަންގެ ޤާނޫނު ފުރިހަމައަށް ތަންފީޒު ކުރާނަން - ކޮންޓްރޯލަރ އޮފް އިމިގްރޭޝަން


ނުފޫޒުން އެއްކިބާވެ އިމިގްރޭޝަންގެ ޤާނޫނު ފުރިހަމައަށް ތަންފީޒު ކުރައްވާނެކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވެއްޖެއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި، އެމީހުންގެ ފަރާތުން ފެންނަމުންދާ ޤާނޫނާއި ޙިލާފް ކަންކަން އިތުރުވަމުންދާތީ އިމިގްރޭޝަނަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލާ މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވީ ބިދޭސީންގެ މައްސަލައަށް މިވެރިކަމުގައި ހައްލެއް ހޯދޭނެކަމަށެވެ. މިކަން ކުރުމުގައި ދިމާވާ ގޮންޖެހުމަކަށް، އަދި ދައްކާ ބިރަކަށް ފަސްނުޖެހޭނެކަމުގައިވެސް ކޮންޓްރޯލާ ވިދާޅުވެފައިވެއެވެ. އަދި ނުފޫޒުން އެއްކިބާވެ އިމިގްރޭޝަންގެ ޤާނޫނު ފުރިހަމައަށް ތަންފީޒު ކުރައްވާނޭ ކަމަށާއި، އަބަދުވެސް ދެމިހުންނަވާނީ ރައްޔިިތުންގެ ޚިދުމަތުގައިކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ޝަޙްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 11 މިހަކު އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ. މީގެ އިތުރުން މަނީލޯންޑާ ކުރުމާއި އެނޫން ވެސް އެތައް ކުށެއް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ އަބޫ ހަނީފް ނަމަކަށް ކިޔާމީހެއްވެސް މީގެ އެއްރޭ ކުރިންވަނީ ޑީޕޯޓްކޮށްފައެވެ. އިމިގްރޭޝަނުން 2014 ގައި ދޫކުރި ވޯކް ވިސާގައި ވާ ގޮތުން އޭނާ ރާއްޖެ އެތެރެވީ ވަޑިއަކަށެވެ. ނަމަވެސް އޭނާ ފުރަން އެއާޕޯޓުގައި ހުއްޓައި އަތުލައިގަނެ، ޑީޕޯޓްކޮށްލީ މަނީ ލޯންޑަރިން އާއި އެނޫންވެސް ބޮޑެތި ކުށްތަކުގެ ތުހުމަތުގައިކަން ފާހަގަކޮށްލެވެއެވެ.

ވޯކްވިސާގައި ރާއްޖެ އެތެރެވާ މީހުންގެ ތެރެއިން ބޮޑު އިންސައްތައެއް ޤަވާއިދާއި ޚިލާފަށް އުޅެމުންދާކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާ މީހުންނާއި ރާއްޖެއިން ބޭރުވާ މީހުން ހުއްޓުވައި، މި ކަންކަން ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް، ދާދި ފަހުން ކަސްޓަމްސްއާއި، އިމިގްރޭޝަނާއި މިނިސްޓްރީ އޮފް ސައިންސް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ގުޅިގެންވަނީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ ސެކިއުރިޓީ ވަރުގަދަކޮށް އަޕްގްރޭޑުވެސް ކޮށްފައެވެ.