ޚަބަރު

އެމް.އެމް.އައިގެ "މިޑް-ޓަރމް ހޮލިޑޭ 2019" ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓްދީފި


ސްކޫލް ދަރިވަރުންނަށް ޙާއްސަކޮށްގެން ޕީ.އެސް.އެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމް.އެމް.އައިއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "މިޑް-ޓާރމް ހޮލިޑޭ 2019" ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި އެކަމަށްޓަކާ ބޭއްވި ޙާއްސަ ޙަފްލާގައި މި ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޕީ.އެސް.އެމްގެ ބޯޑު މެމްބަރު ޢަލީ މިދުހަތެވެ. ސްކޫލް ކުދިންނަށް ޙާއްސަކޮށްގެން ކުރިއަށްގެންދިޔަ "މިޑް-ޓާރމް ހޮލިޑޭ 2019"ގައި ވަނީ، ޓީވީ ޕްރެޒެންޓިންނާއި، ވީޑިއޯ އެޑިޓްކުރާނެގޮތް ބައިވެރިންނަށް ކިޔައިދީފައެވެ. 6 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ބައިވެރިންނަށް ސެޝަންތައް ކުރިއަށްގެންގޮސްދީފައިވަނީ ޕްރެޒެންޓް ކުރުމާއި ވީޑިއޯ އެޑިޓިންގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

މި ޕްރޮގްރާމުގައި ޓީވީ ޕްރެޒެންޓަރުންގެ ކިބައިގައި ހުންނަންޖެހޭނެ އެންމެ އަސާސީ ކަންކަމަކީ ކޮބައިކަމާއި، ކެމެރާ ކުރިމަތީގައި ޕްރެޒެންޓް ކުރާއިރު ވިސްނުން ބަހައްޓަންޖެހޭނެ ކަންކަމާއި ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތުދީފައިވެއެވެ. އަދި ޢަމަލީގޮތުން ޓީވީ ޕްރެޒެންޓްކުރުމުގެ ފުރުޞަތުވެސް ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ ދީފައެވެ. މީގެ އިތުރުން ބޭސިކް ވީޑިއޯ އެޑިޓިންގއަކީ ކޮބައިކަމާއި، ޓީވީ ބްރޯޑްކާސްޓިންގައި އާއްމުކޮށް ވީޑިއޯ އެޑިޓްކުރުމުގައި ގެންގުޅޭ މިންގަނޑުތަކާއި ގުޅޭގޮތުންވެސް ބައިވެރިންނަށް މަޢުލޫމާތުދީފައިވެއެވެ.

މިޕްރޮގްރާމުގައި ބައިވެރިވި ސްކޫލް ދަރިވަރުންނަށް ޕީ.އެސް.އެމްގެ ބައެއް ޑިޕާޓްމަންޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ޢަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް ދީފައިވެއެވެ.

އެމް.އެމް.އައިއިން ބުނީ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ހަރަކާތްތަކަށް ބެލެނިވެރިންގެ ބޮޑު ތަރުޚީބެއް ލިބެމުންދާކަމަށާއި، އެ އިންސްޓިޓިއުޓްގެ އަމާޒަކީ މީޑިއާއާއި ކްރިއޭޓިވް އާޓްސްގެ ދާއިރާއިން ހުރިހާ ޢުމުރަކާވެސް ގުޅޭ ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންދިއުންކަމަށެވެ. އެގޮތުން މިއަހަރުގެ ބޮޑު ޗުއްޓީއާއި ދިމާކޮށް ސްކޫލް ކުދިންނަށް ޙާއްސަކޮށްގެން 15 ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެމް.އެމްއައިއިން ބުނެއެވެ. މީގެ ތެރޭގައި، ޚަބަރުކިޔުމާއި ޚަބަރު ލިޔުމުމާއި، ޕްރެޒެންޓްކުރުމާއި އެކްޓްކުރުމާއި، އިސްލާމީ ތާރީޚާއި ރީތިކޮށް ބަންގިގޮވަން ދަސްކޮށްދިނުމާއި، ހިޖާބް ސްޓައިލިންގ އަދި މޭކާޕްކުރުމުގެ އިތުރުން، ވީޑިއޯގްރަފީއާއި ފޮޓޯގްރަފީއާއި ގުޅޭ ތަފާތު ޕްރޮގްރާމްތައް ހިމެނޭކަމަށްވެސް އެމް.އެމް.އައިއިން ބުނެއެވެ.