ޚަބަރު

ލައިފްޖެކެޓް އެޅުމަށާއި، ދަތުރަށް ފުރުމުގެ ކުރިން ފަސިންޖަރުންނަށް ލައިފްޖެކެޓް އަޅާނެގޮތް ކިޔާދޭން މަޖުބޫރުކުރާނަން: މިނިސްޓަރ


ފަސިންޖަރުންނާއެކު ކަނޑުދަތުރުކުރާ އުޅަދުތަކުގައި ލައިފްޖެކެޓް ބޭނުންކުރުމާއި، ދަތުރަށްފުރުމުގެ ކުރިން ފަސިންޖަރުންނަށް ލައިފްޖެކެޓް އަޅާނެގޮތް ކިޔާދޭން މަޖުބޫރުކުރާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެންދޭ އެކްސްކުލޫސިވް ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ކަނޑުދަތުރުކުމާއި ގުޅޭ އުސޫލުތައް ހަރުދަނާކޮށް، ހާދިސާތަކުން ރައްކާތެރިވުމަށް ހައްލުތަކެއް ހޯދުމަށް ވަރަށްބޮޑަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. އެގޮތުން ފަސިންޖަރުންނާއެކު ކަނޑުދަތުރު ކުރާ އުޅަދުތަކުގައި ލައިފްޖެޓް ބޭނުންކުރުމާއި، ދަތުރަށް ފުރުމުގެ ކުރިން ލައިފްޖެޓް ބޭނުންކުރާނެގޮތް ކިޔައިދިނުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމާނެ ކަމަށާ، އެކަމާ ގުޅޭގޮތުން މިހާރު މަޝްވަރާ ކުރެވެމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކަނޑުދަތުރުކުރާ އުޅަދުތަކުގައި ލައިފްޖެކެޓް ބޭނުންކުރުމަކީ ކުރިންވެސް އޮތް ޤަވާއިދުގެ ތެރެއިން ކުރަންޖެހޭ ކަމެއްނަމަވެސް އެކަމާމެދު އަޅާނުލެވި ފަރުވާކުޑަކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ދިމާވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން މިބަދަލު ގެންނަން މަސައްކަތް ކުރަނީ އެއީ ދާއިމީ ގޮތެއްގައި ކުރެވޭ ކަމަކަށް ހަދައި، ކަނޑުމަތީގައި ދިމާވާ ހިތާމަވެރި ހާދިމާސާތައް މަދުކޮށް ސަލާމާތީ ފިޔަވަޅުރައް ވަރުގަދަ ކުރުމަށްކަމަށެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކަށް މިފަދަ ހަރުކަށި ގަވާއިދެއް ހެދޭއިރު، މަސްވެރިންފަދަ މަަސައްކަތްތެރިން ކަނޑުމަތީގައި އަބަދު ލަފްޖެކެޓް އަޅައިގެން އުޅުމަކީ ފަސޭހަމަކަމަށް ނުވާނެކަމަށާއި، އެހެންކަމުން އައު ޤަވާއިދު އެކުލަވާލާއިރު މިކަންކަމުގައި އެފަދަ މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭނެ ގޮތްތަކެއްވެސް ކަނޑައެޅިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިބަދަލު ގެންނަން ގަސްދުކުރަނީ ދާއިމީ ގޮތެއްގައި މިކަމަށް ހައްލު އަންނާނޭ ގޮތަކަށް. ލައިފްޖެކެޓް އެޅުމާއި، ދަތުރަށް ނައްޓާލުމުގެ ކުރިން ޑެމޮންސްޓްރޭޝަނެއް ފަސިންޖަރުންނަށް ދައްކާލުމަކީ މަޖުބޫރު ކަމެއްކަމުގައި ކަނޑައަޅާނަން. އިރާދާކުރެއްވިޔާ އަޅުގަނޑުމެން މި މަސައްކަތްކުރަނީ ކަނޑުމަތީގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރަން. އެކަންކަން ކުރެވިގެންދާނީ މިފަދަ ބަދަލުތަކެއްވެސް ގެނެސްގެން." މިނިސްޓަރ ނަހުލާ ވިދާޅުވި.

ސިޔާސީ ގޮތުން ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައި ވާހަކަ ދައްކަމުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވެ ކުރިމަތީގައި ހުރި ގޮންޖެހުންތައް ހުރަސްކޮށް، މިހާތަނަށް ހާސިލް ކޮށްފައިވާ ކަންކަމަކީ ވަރަށް ބުރަ މަސައްކަތުން ހާސިލް ކުރެވިފައިވާ ކަންތައްތަކެއްކަމަށެވެ. ސަރުކާރުން ކަންކަން ކުރުމުގައި ލަސްކަމަށްބުނެ ވާހަކަ ދައްކާ ފަރާތްތަކުން ވެރިކަން ނިންމާލާފައިދިޔައިރު ހާވާފައިވާ ހަޑީގެ ސަބަބުން ކުރިމަތިވި ގޮންޖެހުމަތައް އެފަރާތްތަކަށް އިހުސާސް ނުކުރެވޭނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

"ސަރުކާރު ސްލޯކަމަށްބުނާއިރު، ނިކަންބައްލަވާ ފާއިތުވެދިޔަ ތަނުގައި އެބޭފުޅުން ހާވާފައިދިޔަ ހަޑި. އެކަންކަން ރަނަގަޅުގޮކޮށް ހަމަތަކާއި އުސޫލުން ބޭރުން ކުރަމުންދިޔަ އެތައްކަމެއް އިސްލާހުކޮށް، ރަގަޅު އުސޫލުތަކުގެ ތެރެއިން ކަންކަން ކުރެވެމުންދާތަން މިއަދު މިދަނީ ފެންނަމުން. ސަރުކާރުގެ ކޮންމެ މިނިސްޓްރީއަކަށް ބަލައިލުމުންވެސް ވައުދުތައް ފުއްދާތަނާއި، ގިނަ ކަންކަން ފެށި ރައްޔިތުންނަށް އުފާވެރިކަން ދަނީ ފެންނަމުން." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޮންމެ މީހަކުވެސް ބޭނުންވީމާ ބޭނުންގޮތަކަށް، ހިތުހުރި ކަމެއް ކުރެވޭނެ ސަގާފަތެއް ގާއިމްކޮށްފައި އޮތުމުން، ހެދިފައިވާ ޤާނޫނުތަކާއި، ހަމަތަކާއި އުސޫލުތަކަށް ކަންކަން ފެއްތުމަކީ މިސަރުކާރުން އެންމެއިސްކަން ދިން އެއްކަންތައް ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ. އަދި މިއަދު މިކަންކަން އިސްލާހުކޮށް ސަރުކާރުގެ ހުރިހާ ވުޒާރާތަކަކުންވެސް ގިނަ މަސައްކަތްތަކެއް ފައްޓައި ރައީސުލް ޖުމްހޫރިއްޔާގެ ވައުދުތައް ތަންފީޒު ވެގެންދާކަމީ އުފާކުރައްވާ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަކީ ކެތްތެރިކަމާއެކު ރައްޔިތުންގެ އަޑުއައްސަވައި، ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ރައީސެއްކަމަށެވެ.