ވިޔަފާރި

ރާއްޖޭގެ މަސައްކަތްތެރިންގެ ފެޑަރޭޝަނެއް އުފައްދައިފި


ރާއްޖޭގެ މަސައްކަތްތެރިންގެ ޖަމުއިއްޔާތައް ބައިވެރިވެގެން މަސައްކަތްތެރިންގެ ފެޑެރޭޝަންއެއް އުފައްދައިފިއެވެ.

މޯލްޑިވްސް ޓްރޭޑު ޔޫނިއަން ކޮންގްރެސް، އެމްޓީޔޫސީގެ ނަމުގައި އުފައްދާފައިވާ ފެޑެރޭޝަން އިފްތިތާޙްކޮށްފައިވަނީ މިއަދު ހުޅުމާލެ ސަމަން ހޮސްޓުގައި ބޭއްވި ޙާއްސަ ހަފްލާއެއްގައެވެ.

ފެޑެރޭޝަން އިފްތިތާޙްކުރުމަށްފަހު މި ފެޑެރޭޝަނުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެމުން ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން، ޓީމުގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު ވިދާޅުވީ، މި ފެޑެރޭޝަނުން ރާއްޖޭގެ މަސައްކަތްތެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މަސައްކަތްކުރާނެ ކަމަށެވެ.

" ހުރިހާ މަސައްކަތްތެރިންނާއި ގުޅުންހުރި ކަންތައްތައް، ވަޒީފާއާއި ބެހޭ ޤާނޫން އިސްލާޙްގެނައުން، މިސާލަކަށް، އިންޑަސްޓްރިއަލް ރިލޭޝަންސް އާއި ބެހޭ ޤާނޫނެއް ގެނައުން، މިނިމަން ވޭޖް ގެނައުން، އަދި ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅާ އިރު، މަސައްކަތްތެރިންގެ ބަހެއް އެ ސިޔާސަތުތަކުގައި ހިމެނުން މުޙިއްމު ކަމަށް ފެންނާތީ މި ފެޑެރޭޝަން އިފްތިތާޙް މި ކުރީ،" މައުރޫފް ވިދާޅުވިއެވެ.

މޯލްޑިވްސް ޓްރޭޑު ޔޫނިއަން ކޮންގްރެސް، އެމްޓީޔޫސީގައި މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ހުރިހާ ޖަމުއިއްޔާތަކެއް ބައިވެރިވާކަމަށް އެމްޓީޔޫސީން މައުލޫމާތުދެއެެވެ.

އެމް.ޓީ.ޔޫ.ސީގެ ހިންގާ ކޮމެޓީގެ ރައީސަކީ ޓީމުގެ ސެކްރެޓަރީ މައުރޫފް ޒާކިރެވެ. ނައިބް ރައީސަކީ ޕޯޓް ވޯކާސްގެ އައިޝަތު ރުޚުސާނާއެވެ. ހަޒާންދާރަކީ ޓޭމުގެ އަލީ ނާޒިމެވެ. މީގެ އިތުރުން ހިންގާ ކޮމެޓީގައި ހިމެނެނީ އިތުރު ތިން މެމްބަރުންނާއި ޖެނެރަލް ސެކްރެޓަރީއެކެވެ. އެމްޓީޔޫސީގެ ޖެނެލަރަލް ސެކްރެޓަރީއަކީ ހެލްތުވޯރކާސްގެ ފާޠިމަތު ޒިމްނާއެވެ.