ޚަބަރު

އުމްތިތީ 5 ހަފުތާއަށް ކުޅުމާ ދުރަށް


ބާސެލޯނާއަށް ކުޅޭ ފަރަންސޭސިވިލާތުގެ ޑިފެންޑަރު ސެމިއުލް އުމްތިތީ 5 ހަފުތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ. އޭނާއަށް އަނިޔާވީ ފަރަންސޭސިވިލާތުގެ ޤައުމީ ޓީމާއެކު ފަރިތަކުރަނިކޮށެވެ. އަނިޔާވުމުގެ ސަބަބުން އޭނާވަނީ ފަރަންސޭސިވިލާތުގެ ޤައުމީ ޓީމު ދޫކޮށް އޭނާވަނީ ފަރުވާ ހޯދުމަށް ބާސެލޯނާއަށް ގޮސްފައެވެ.

މީގެ އިތުރުން، ލަ ލީގާގައި މިރޭ ވެލެންސިއާއާއި ދެކޮޅަށް ނުކުންނައިރު، ބާސެލޯނާގެ ކެޕްޓަން ލަޔޮނަލް މެސީއަށްވެސް ނުކުޅެވޭނެއެވެ. މިކަމާއި ގުޅޭގޮތުން، ބާސެލޯނާގެ ކޯޗު އެރްނެސްތޯ ވަލްވެރްދޭ ބުނީ ލަ ލީގާގައި ކުޅޭ މެޗުގެ އިތުރުން، ކުރިއަށް އޮތް ޗެންޕިއަންސް ލީގުގެ ފުރަތަމަ މެޗުގައިވެސް މެސީއަށް ކުޅެވޭނެކަމާއިމެދު ޝައްކުކަމަށެވެ. ނަމަވެސް، އަނިޔާގައި ހުރި ގޯލްކީޕަރު ނޭއިތޯއާއި ފޯވަޑް ލުއިސް ސުއަރޭޒް ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައިވާކަމަށް ބާސެލޯނާގެ ކޯޗު ބުންޏެވެ.

ވަލްވެރްދޭ ބުނީ ވެލެންސިއާއާއި ދެކޮޅަށް ކުޅޭ މެޗަކީ ހުރިހާ ގޮތަކުންވެސް އުނދަގޫވާނެ މެޗެއް ކަމަށެވެ. "އެމީހުންގެ ކޯޗު ބަދަލުވި ނަމަވެސް އެއީ މޮޅު ޓީމެއް. ޗެމްޕިއަންސް ލީގު ކުޅޭ މޮޅު ކުޅުންތެރިން ތިބި ވަރުގަދަ ޓީމެއް. މިދިޔަ އަހަރާއި އެއްގޮތަށް އަހަރެން އުއްމީދު ކުރަނީ އެމީހުން 442 ފޯމޭޝަނުގައި އަހަރުމެންނަށް ވަރުގަދަ ފައިޓެއް ދޭނެކަމަށް. މިއީ އަހަރުމެން ފަރުވާތެރިވާން ޖެހޭ މެޗެއް. ނޫނީ މެޗު ގެއްލިދާނެ،" ކޯޗު ބުންޏެވެ.