ޚަބަރު

ޤާނޫނުހަދާ މަޖިލީހުގެ މަސައްކަތް ހުއްޓުވުމަށް ރާނީއަށް ދޮގެއް ނުހައްދަވަން: ޖޮންސަން


ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމަށް އެ ޤައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިދިކޮޅު ފަރާތްތަކުން ހުރަސްއަޅަމުންދާތީ، އެކަން ހުއްޓުވުމަށް އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތަށް އޮޅުވާލައްވާ، ދޮގުހައްދަވާ، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައިވާކަމަށް ބުނެ ބޮޑުވަޒީރު ބޮރިސް ޖޮންސަންއާ ދެކޮޅަށް ކުރަމުންދާ ތުޙުމަތުތައް އޭނާ ދޮގު ކުރައްވައިފިއެވެ. ޖޮންސަން މިކަން ދޮގު ކުރެއްވީ މި ހަފުތާގެ ހޯމަދުވަހުން ފެށިގެން އަންނަ މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމަށް އޭނާ ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނާ ޚިލާފު ނިންމެވުމެއްކަމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ސްކޮޓްލޭންޑްގެ ހައިކޯޓުން ބުރާސްފަތި ދުވަހު ކުރި ޙުކުމުގައި ބުނެފައިވަނީ ޤާނޫނުހަދާ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމަށް ޖޮންސަންގެ ސަރުކާރުން ނިންމިނިންމުމަކީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ގޮތުން ނިންމަވާފައިވާ ނިންމުމެއްކަމަށެވެ. އަދި މި ނިންމުމަކީ ޣައިރުޤާނޫނީ ނިންމުމެއްކަމަށްވެސް ސްކޮޓްލޭންޑްގެ ހައިކޯޓުންވަނީ ބުނެފައެވެ.

މީގެ އިތުރުން، މިކަމުގެ ސަބަބުން ޤާނޫނުހަދާ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމަށް އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ހުއްދަ ޖޮންސަން ހޯއްދެވީ އެކަމަނާއަށް އޮޅުވާލައިގެންކަމަށްބުނެ، ކުރެވޭ ތުޙުމަތުތަކެއްވަނީ ފެންމަތިވެފައެވެ. މި ތުޙުމަތުތައް ދޮގުކުރައްވާ ވާހަކަދައްކަވަމުން ޖޮންސަން ވިދާޅުވީ ޤާނޫނުހަދާ މަޖިލީހުގެ މިހާރުގެ ދައުރަކީ 17ވަނަ ޤަރުނުގައި އިނގިރޭސިވިލާތުގައި ދާޚިލީ ހަނގުރާމައެއްކުރި ފަހުން، އެ ޤައުމުގައި މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ އެންމެ ދިގު ދައުރުކަމަށާއި އަންނަ އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހާ 17ވަނަ ދުވަހު ބާއްވާ ވިލާތުގެ ސަމިޓަށްފަހުވެސް ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޤާނޫނުހަދާ މަޖިލީހަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެކަމަށެވެ.

އަދި ޤާނޫނުހަދާ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައިވަނީ ޤާނޫނުހަދާ މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރަންބޭނުންވާ ކަންކަން ކުރުމަށްކަމަށްވެސް ޖޮންސަން ވިދާޅުވިއެވެ.