ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އަންނަ ފުޓުބޯޅަ ސީޒަނަށް ޓީމު ވަރުގަދަކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި، މިދިޔަ ސީޒަނުގައި ވެސް އެ ޓީމުގެ ޖާޒީގައި ފެނިގެންދިޔަ ލައިބީރިއާގެ ހެވަން އިލެވަންގެ ކެޕްޓަންކަން ކުރަމުން އައި އަބްދުﷲ ޔާޔާ ބިލިޓީ މަޑުކުރުވަން ނިންމައި، އެއްބަސްވުން އައުކޮށްފިއެވެ.
ނިއުއިން މި ސީޒަނަށް ސްކޮޑަށް ގެނައި ބަދަލުތައް އިއުލާނުކުރިއިރު، ބިދޭސީ ހަތަރު ކުޅުންތެރިއެއްގެ ނަން އިއުލާނުކުރިއެވެ.
ނިއުއިން ބުނީ، "ބައެއް ވާހަކަތަކަކީ އިތުރު ޞަފްޙާތަކެއް ލިޔެވެންޖެހޭ ވާހަކަތަކެއް" ކަމަށާއި، އޭނާއަކީ ނިއުއަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން ސާބިތުކޮށްދީ، އައު ސީޒަނުގައިވެސް އެ ކުލަބާއެކު އޭނާ ދެމިހުންނާނެ ކަމަށެވެ.
ބިލިޓީއަކީ ފާއިތުވީ ސީޒަނުގައި ނިއުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެއް ކަމަށާއި، އޭނާއަކީ ހުނަރުވެރި، މޮޅުވުމުގެ ރޫހު ހުރި ކުޅުންތެރިއެއްކަމަށް ނިއުއިން ބުނެފައިވެއެވެ.
ބިލިޓީ ނިއުއާއިއެކު އެއްބަސްވުން އައުކޮށްފައިވާއިރު، އުމުރުން 26 އަހަރުގެ މިޑްފީލްޑަރަކީ ލައިބީރިއާ ލީގުގައި އޭރު އެންމެ ވިދުންގަދަ އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ 2023/2024 ވަނަ ސީޒަނުގައި ލީގުގެ އެމްވީޕީ (މޯސްޓް ވެލިއުބަލް ޕްލެޔަރ) ގެ އެވޯޑު ވެސް ހާސިލްކޮށްފައެވެ.
ލައިބީރިއާގެ ގައުމީ ޓީމަށް ވެސް ކުޅޭ ޔާޔާ ވަނީ، އެފްރިކާ ފުޓުބޯޅައިގެ ފާހަގަކޮށްލެވޭ ގައުމުތަކާ ދެކޮޅަށް ކުޅެ ލަނޑު ވެސް ޖަހާފައެވެ. އެގޮތުން ގައުމީ ޓީމަށް ޔާޔާ ޖަހައިދިން ފުރަތަމަ ލަނޑަކީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު، ދުނިޔޭގެ ފުޓުބޯޅައިގެ ވިދުންގަދަ ތަރި، ސަޑިއޯ މާނޭ ވެސް އެ ގައުމަކަށް ނިސްބަތްވާ ސެނެގާލްއާ ދެކޮޅަށް ކުޅެ ޖެހި ލަނޑެކެވެ.
2015 ވަނަ އަހަރު ލައިބީރިއާގެ ކެއިޓްރެސްއިން ސީނިއަރ ކެރިއަރު ފެށި ބިލިޓީ ވަނީ އެ ގައުމުގެ ބަރަކް ވައިސީއާއި ބީ މައުންޓަން އަށް ވެސް ކުޅެފައެވެ. އޭނާ ހެވަން އިލެވަންއާ ގުޅުނީ 2023 ވަނަ އަހަރުއެވެ.
ބިލިޓީގެ އިތުރުން އަންނަ ސީޒަނަށް ނިއުއިން ދެން ގެނައި ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ބަންގްލަދޭޝް ލީގުގައި މޮޅު ކުޅުމެއް ދައްކާފައިވާ އެ ލީގުގެ ބަޝުންދަރާ ކިންގްސްއަށް ކުޅުނު ބްރެޒިލްގެ ފޯވާޑް، ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯއާއެވެ.