ޚަބަރު

ހުރްމުޒް ބެލެހެއްޓުމާ ގުޅޭ ޢުމާންގެ ހުށަހެޅުން އީރާނުން ބަލައެއްނުގަތް


ހުރްމުޒް ކަނޑުއޮޅީގެ ކަންކަން ދެ ޤައުމުން ގުޅިގެން ބެލެހެއްޓުމަށް ޢުމާނުން ހުށަހަޅާފައި އޮތް ހުށަހެޅުން ބަލައިނުގަންނާނެ ކަން އީރާނުން ހާމަކޮށްފިއެވެ. މި ނިންމުމާއެކު، ފެބުރުވަރީ 28 ގައި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ގަލްފުގެ ޤައުމުތަކުގެ ވިޔަފާރިއާއި އިޤުތިޞާދަށް ކުރިމަތިވެފައި އޮތް ހުރަސްތައް ނައްތައިލައި، ނުވަތަނަވަސްކަން ޙައްލުކުރުމަށް އޮތް އުންމީދު އަނެއްކާވެސް ފަނޑުވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޞިހްޔޫނީން ރުއްސުމަށް އެމެރިކާއިން އިސްވެ ފެށި ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ބަންދުވެ، ގަލްފުގެ ޤައުމުތަކުން އުފައްދާ ތެލާއި ދިޔާއެއްޗަކަށް ބަދަލުކޮށްފައިވާ ގޭސް (އެލްއެންޖީ) ބޭރުކުރުމަށް ވަނީ ހުރަސްއެޅިފައެވެ. ކަނޑުއޮޅި ބަންދުކޮށް، ދަތުރުފަތުރަށް އީރާނުން ހުރަސްއަޅަމުންދާއިރު، އެމެރިކާއިން ވެސް ވަނީ އީރާންގެ ބަނދަރުތައް ޙިޞާރުކޮށް، އެ ޤައުމުގެ ވިޔަފާރިއަށް ހުރަސްއަޅާފައެވެ. މި ކަން ޙައްލުކުރުމަށް ޢުމާނުން އީރާނަށް ހުށަހަޅާފައި ވަނީ، ދެ ޤައުމުން ގުޅިގެން ކަނޑުއޮޅީގެ ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމަށެވެ. ޢުމާނުގެ ހުށަހެޅުމަށް ގަލްފުގެ އެހެން ޤައުމުތަކުން ރުހޭ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް ތެހްރާނުން ބުނީ، ޢުމާނުން ހުށަހަޅާފައިވާ ގޮތަށް ކަނޑުއޮޅީގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ކަމަށް ޤަބޫލުނުކުރާ ކަމުގައެވެ. އަދި، ކަނޑުއޮޅިއަށް އެތެރެވާ މަގުގެ ފުރިހަމަ ކޮންޓުރޯލު އީރާނަށް އޮންނަން ޖެހޭނެ ކަމަށާއި، ކަނޑުއޮޅިން ބޭރަށް ދަތުރުކުރުމުގެ ކަންކަން ޢުމާނާ ގުޅިގެން ބެލެހެއްޓުމަށް ތެހްރާނުން ދަނީ ޝަރުޠު ކުރަމުންނެވެ. މި ދަނޑިވަޅުގައި، އީރާނުގެ ހުއްދައާ ނުލައި ކަނޑުއޮޅި ހުރަސްކުރުމަށް މަސައްކަތްކުރި ތިން ޓޭންކަރަކަށް ހަމަލާދީ، ހުއްޓުވާފައިވާނެ ކަމުގައި އީރާންގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ވަނީ ހާމަކޮށްފައެވެ.

އީރާނާއި އެމެރިކާއިން އަލުން ހަމަލާ ބަދަލުކުރަން ފެށުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އަނެއްކާވެސް ވަނީ 3 އެމެރިކާ ޑޮލަރުން އުފުލިފައެވެ. ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތަކުން ދާދިފަހުން ސަޢޫދީ ޢަރަބިއްޔާގެ ތެލުގެ ސިނާއަތުގެ ބިނާރަށް އަމާޒުކޮށް ހަމަލާތަކެއް ދިނުމާ ގުޅިގެން މަސްރަޙު ވަނީ އިތުރަށް ހޫނުވެފައެވެ. އެމެރިކާއާއި ސަޢޫދީ ޢަރަބިއްޔާއިން ވަނީ އެ ހަމަލާތަކުގެ ޒިންމާ އީރާންގެ ކޮނޑުގައި އެޅުވުމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް، ތެހްރާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. މި ދަނޑިވަޅުގައި އެމެރިކާއާއި ސަޢޫދީ ޢަރަބިއްޔާގެ އަސްކަރިއްޔާއިން ވަނީ ޢިރާޤުގައި އިރުމަތީގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތަކާ ދެކޮޅަށް ވައިގެ ހަަމަލާތަކެއް ދީފައެވެ.

ހުރްމުޒާ ގުޅޭގޮތުން ޢުމާނުން ހުށަހަޅާފައިވާ ހުށަހެޅުމުގައި، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނެގޭނެ އިންތިޒާމުތައް ހިމަނާފައިވެއެވެ. ޢުމާނުން ހުށަހަޅާފައި ވަނީ، ކަނޑުއޮޅީގެ ދަތުރުފަތުރު ބެލެހެއްޓުމާއި، ތިމާވެށި ޙިމާޔަތްކުރުމަށް ފީއެއްގެ ދެއްކުމުގެ އިޚުތިޔާރު އެ ކަނޑުއޮޅި ބޭނުންކުރާ ކުންފުނިތަކާއި އުޅަނދުފަހަރަށް ދޫކޮށްލުމެވެ. މިއީ، މަލާކާ ކަނޑުއޮޅީގައި މިހާރު ވެސް އަމަލުކުރަމުންދާ ނިޒާމެކެވެ. މަލާކާ ކަނޑުއޮޅި ބަލަހައްޓަނީ އިންޑޮނީޝިޔާ، މެލޭޝިޔާ އަދި ސިންގަޕޫރުން ގުޅިގެންނެވެ. ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ބާރާއި ކޮންޓުރޯލު އީރާނުގެ އަތްމައްޗަށް ދޫކޮށްލުމަށް ޢުމާންގެ އިތުރުން ގަލްފުގެ އެހެން ޤައުމުތަކުން ބޭނުން ނުވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.