ޚަބަރު

ފަޅުތަކާއި ފަޅުރަށްތަށް ކުއްޔަށް ދިނުމާގުޅޭ އައު ޤާނޫނެއް


  • ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަށް

  • ވަރުވާއަށް ރަށެއް ދޫކުރެވޭނީ 5 އަހަރުގެ މުއްދަތަށް

ރައްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ އައު ޤާނޫނެއް ހެދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ. މި ބިލުގައި އެކި ބޭނުންތަކަށް ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމާއި ވަކި ބޭނުންތަކަށް ކަނޑައަޅާފައި ނުވާ ފަޅުރަށްތައް ވަރުވާއަށް ދިނުމާ ގުޅޭކަންކަން ތަފްސީލުކޮށް ވަނީ ހިމަނައިފައެވެ.

ފަޅާއި ފަޅުރައްތައް ކުއްޔަށް ދިނުމާއި ވަރުވާއަށް ދިނުމުގެ ކަންކަން މިހާރު ކުރަމުން އަންނަނީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ޤާނޫނުގެ ދަށުންނެވެ. ނަމަވެސް އެ ޤާނޫނު އުވާލައި ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރެވޭނެ ހާލަތްތަކާއި އުސޫލުތައް މަޖިލީހަށް ހުށަހަޅުއްވާފައިވާ "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ" ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ބިލުގައިވާގޮތުން މިހާރުވެސް އޮންނަ ގޮތަށް ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެމަނިކުފާނަށް ފަޅުރަށްރަށް އެކަށައެޅޭނީ ފަތުރުވެރިކަމާއި މަސްވރިކަމާއި ދަނޑުވެރިކަމާއި ސިނާޢީ، އިގްތިސާދީ، އަދި އިޖުތިމާޢީ ބޭނުންތަކާއި ދައުލަތުގެ ބޭނުންތަކުގެ އިތުރުން އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވާ ޚާއްސަ ބޭނުންތަކަށެވެ.

ފަތުރުވެރިކަމުގެ ބޭނުމަށާއި ސިނާޢީ ބޭނުމަށް އެކަށައަޅާ ފަޅުރަށްރަށް ފިޔަވައި ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްރަށް ކުއްޔަށްދިނުމާއި ވަރުވާއަށް ދިނުމުގެ ކަންކަން ކުރާނީ އެ ރަށެއްގެ ކައުންސިލުންނެވެ. ނަމަވެސް އެކި ބޭނުންތަކަށް ފަޅު ކުއްޔަށް ދޫކުރާނީ އެ ފަޅެއް ހަވާލުކޮށްފައިވާ ވުޒާރާއަކުންނެވެ.

މި ބިލުގެ ދަށުން ވިޔަފާރީގެ ބޭނުމަށް ފަޅުރަށެއް ދޫކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި ރާއްޖޭގައި ރީ-ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕްތަކަށެވެ. އެ ނޫން ބޭނުންތަކަށް ދިވެހި ކޮންމެ ރައްޔިތަކަށްވެސް އަދި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކާއި ޖަމުޢިއްޔާތަކަށްވެސް ފަޅުރަށް ދޫކުރެވޭނެއެވެ.

ފަޅުތައް ކުއްޔަށް ދެވޭނީ ލާޖް ސްކޭލް އަދި މީޑިއަމް ސްކޭލް ސިނާޢީ މަސައްކަތްތަކާއި އެއް މިލިޔަން ރުފިޔާއަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭ އިގްތިސާދީ މަސައްކަތްތަކާއި އެކުއަކަލްޗަރ އާއި އެއާ ގުޅުންހުރި މަސައްކަތްތަކަށެވެ.

އެކި ބޭނުންތަކަށް އެކަށައަޅާފައިވާ ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަކަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް އެ މުއްދަތު އިތުރުކުރުމަށް އެދޭ ހާލަތެއްގައި މުޅި ޖުމްލަ ކުއްޔަށްދޭ މުއްދަތު 50 އަހަރަށްވުރެ އިތުރު ނުވާގޮތަށް ކުއްޔަށް ދެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގައި ފަޅުރަށުގެ ކުއްޔާއި ފަޅުތަކުގެ އިކުއިޒިޝަން ކޯސްޓްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި އެކި ބޭނުންތަކަށް ދޫކުރާ ފަޅުރަށްރަށުގެ އިކުއިޒިޝަން ފީ ކަނޑައަޅުއްވާނީ މާލީކަންކަމާބެހޭ ވުޒާރާއިން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައިވާގޮތުން ވަރުވާއަށް ދެވޭނީ ވަކި ބޭނުމަކަަށް އެކަށައަޅާފައިވާ ނުވާ ރަށެކެވެ. އަދި ވަރުވާއަށް އެ ރަށެއް ދޫކުރެވޭނީ ގިނަވެގެން 5 އަހަރުގެ މުއްދަތަކަށް ކަމަށާއި މުއްދަތު އިތުރުކުރާނަމަ އިތުރުކުރެވޭނީ 5 އަހަރުގެ މުއްދަތަކަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ވަރުވާއަށް ދޫކުރާ ފަޅުރަށެއްގައި ޤާނޫނާ ޚިލާފަށް ކަމެއް ކޮށްފިނަމަ 500،000 ރުފިޔާއަށްވުރެ ބޮޑު ނުވާ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުއްޔަށް ދޫކުރާ ފަޅުރަށާއި ފަޅުތަކުގައި ޤާނޫނާ ޚިލާފު ކަމެއް ކޮށްފިނަމަ 1،000،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ވަނީ ބުނެފައެވެ.

މި ޤާނޫނު ވުޖޫދުވާއިރު ކުރީގެ ޤާނޫނުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ފަޅު ރަށްރަށާއި ފަޅުތަކާއި ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުގެ އެއްބަސްވުން ސައްޙަވާނެއެވެ. ނަމަވެސް ކުއްޔާއި ވަރުވާ ދެއްކުމުގެ އުސޫލު ފިޔަވައި އައު ޤާނޫނުގައިވާ ހުރިހާ ކަމެއް އެ އެއްބަސްވުންތަކަށްވެސް ހިނގާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.