ވިޔަފާރި

ބީއެމްއެލްއިން ޑޮލަރ އޭޓީއެމްގެ ޙިދުމަތް ހުޅުމާލޭގައި ފަށައިފި


ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހުޅުމާލޭގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ޙިދުމަތްދޭން ފަށައިފިއެވެ. ރެނާޓަސް އިތާމުތް ބިލްޑިންގގައި ޑޮލަރަށް ޚާއްސަ އޭޓީއެމްއެއް ބީއެމްއެލްއިން މިހާރުވަނީ ހުޅުވާފައެވެ.

ހުޅުމާލޭގައި މި ގާއިމް ކުރި އޭޓީއެމްއަކީ ބީއެމްއެލްގެ ޚިދުމަތްތައް ހުޅުމާލެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުވި އޭޓީއެމްއެއްކަމަށް އެ ބޭންކުން ވިދާޅުވެއެވެ. މިއާއެކު ބީއެމްއެލްއިން އަންނަނީ ހުޅުމާލޭގެ ތަފާތު ތިން ސަރަހައްދެއްގައި 7 އެޓީއެމް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ.

މި އޭޓީއެމް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމާއި ޓްރާންސްފަރގެ ޚިދުމަތްވެސް ހޯދޭނެއެވެ. މި އޭޓީއެމް ރަސްމީކޮން އިފްތިތާޙު ކޮށްދެއްވީ ބީއެމްއެމްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރއެވެ.

މި ޚިދުމަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވީ މިއީ ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރި މުހިންމު މަސައްކަތެއްކަމަށެވެ. ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކުރި ދުވަހުން ފެށިގެން މި ޚިދުމަތަށް ޢާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަމަށާއި، މިދިޔަ އަހަރެއްހައި ދުވަހުގެތެރޭގައި ޔޫއެސް ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 800,000 އަށްވުރެ ގިނަ މުޢާމަލާތް ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމަ މިމުއްދަތުގައި ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 490 މިލިއަން ޑޮލަރަށްވުރެ ގިނަ ނަގުދު ފައިސާ ނަގާފައިވާކަމަށްވެސް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.