ޚަބަރު

ބަށިބޯޅަ އެސޯސިއޭޝަންގެ ޤައުމީ ޙައިސިއްޔަތު އަތުލައިފި


ބަށިބޯޅަ އެސޯސިއޭޝަންގެ ޤައުމީ ޙައިސިއްޔަތު އަތުލައިފިއެވެ.

ޔޫތް މިނިސްޓްރީން މިކަން އެންގުމަށްޓަކައި ބަށިބޯޅަ އެސޯސިއޭޝަންއަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތުނެގީ ބަށިބޯޅައަކީ ބައިނަލްއަޤްވާމީ އެއްވެސް މުބާރާތެއްގައި ވާދަކުރެވޭ ކުޅިވަރެއް ކަމުގައި ނުވުމާއި، ޒަމާނުއްސުރެ، ސަޤާފީ ކުޅިވަރެއްގެ ގޮތުގައި ހަމައެކަނި ބައެއް މުނާސަބަތާގުޅިގެން ކުޅޭ ކުޅިވަރެއް ކަމުގައިފާހަގަވުމާއި، ޕްރޮފެޝަނަލް އެތުލީޓުން ބިނާކޮށް ތަރައްގީކޮށް ކުޅޭވޭ ކުޅިވަރެއްގެ ގޮތުގައި ނުވާތީކަމަށް މިނިސްޓްރީން އަންގަވާފައިވެއެވެ.

މިދިޔަ މަހުގެ 29ވަނަ ދުވަހު ބޭއްވި ކުޅިވަރާބެހޭ ޤައުމީ މަޖްލީހުގެ ޖަލްސާގައިވަނީ ބަށިބޯޅަ ފަދަ ސަގާފީ ކުޅިވަރުތަށް ހިންގާ ޖަމްޢިއްޔާތަކަށް ކުޅިވަރުގެ ޤައުމީ ޙަސިއްޔަތު ދެމުންއައި އުސޫލްއަށް ބަދަލު ގެނެސް، ބަށިބޯޅަ އެސޯސިއޭޝަނަކީ ކުރިއަށް އޮތްތަނުގައި ސަގާފީ ކުޅިވަރުތަށް ހިންގާ އެސޯސިއޭޝަންއެއްކަމަށް ނިންމައި ބަށި ބޯޅަ އެސޯސިއޭޝަނަށް ކުރިން ދީފައިވާ ގައުމީ ހައިސިއްޔަތު އަތުލާފައެވެ.

ޔޫތް މިނިސްޓްރީން މަޢުލުމާތުދެއްވި ގޮތުގައި ބަށިބޯޅަ އެސޯސިއޭޝަންގެ ޤައުމީ ޙައިސިއްޔަތު ނެގިކަމުގައި ވީނަމަވެސް ކުޅިވަރު ޖަމްޢިއްޔާތަކަށް މިނިސްޓްރީން ދެމުން އަންނަ އެހީތެރިކަން އަދުވެސް ބަށިބޯޅަ އެސޯސިއޭޝަނަށް ދެމުން އަންނާނެކަމަށެވެ. އަދި މިކުޅިވަރު އާލާކޮށް ދިރުވުމަށް މިނިސްޓްރީން އެހީތެރިވާނެކަމަށްވެސް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ.