ޚަބަރު

އެތްލީޓުންނަށް ފައިސާ ދެނީ މުބާރާތުގެ ފެންވަރަށް ބަލާފައި - މިނިސްޓްރީ


ބައިނަލްއަޤްވާމީ ގޮތުން ކުޅިވަރުތަކުން ހޯދާ ކާމިޔާބީއަށް އިނާމު ފައިސާ ދޭނީ މުބާރާތުގެ ގިންތިއަށް ބަލާފައިކަމަށް ޔޫތް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މިނިސްޓްރީން މިކަން ހާމަކުރައްވާފައިވަނީ ފަހަކަށް އައިސް ކުޅިވަރު ތަކުން ހޯދާ ކާމިޔާބީއަށް މިނިސްޓްރީން ފައިސާގެ އިނާމު ދިނުމާމެދު ބައެއް ފަރާތްތަގެ ފާޑު ކިއުންތަށް އަމާޒުވާތީއެވެ.

ބައިނަލްއަޤްވާމީގޮތުން ކުޅިވަރުން ހޯދާ ކާމިޔާބީއަށް އިނާމުފައިސާ ދޭ އުސޫލުގައި ހިމެނެނީ ތިން ކެޓަގަރީއެކެވެ. މެޑަލްތަކަށް އިނާމުފައިސާ ދޭން ނިންމާފައިވަނީ ކުޅިވަރުތައް ގިންތިކޮށް މުބާރާތްތަކުގެ ފެންވަރަށް ބަލައިގެންނެވެ.

މިމިންގަނޑަކީ ރައީސް އޮފީހުން ދިން މިންގަނޑެއްގެ ދަށުން ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެސް މަޝްވަރާގެ މަތިން ކުޅިވަރުގެ ޤައުމީ މަޖިލީހުން ފާސްކޮށްފައިވާ މިންގަނޑެކެވެ.

އެއްވަނަ ކެޓަގަރީގައި ހިމެނެނީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ އަދި އޮލިމްޕިކް ކުޅިވަރުތަކުގެ ތެރެއިން އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ އިތުރުން ނޮން އޮލިމްޕިކް ކުޅިވަރުތަކުގެ އިންޓަނޭޝަނަލް ފެޑެރޭޝަންތަކުން ހިންގާ މުބާރާތްތަކެވެ. އަދި އިންޓަނޭޝަނަލް ފެޑެރޭޝަނުން ހިންގާ ތަފާތު އެކި ޢުމުރުފުރާތަކުގެ މުބާރާތެކެވެ. ޓީމު ބައިވެރިވާ ކުޅިވަރު އިވެންޓްތަކާއި ވަކި ވަކި ފަރުދުން ބައިވެރިވާ ކުޅިވަރުގައި ދެވޭ އިނާމް ފައިސާ ތަފާތުވާނެއެވެ. އަދި ކޮންމެ މެޑަލެކަށް ވެސް ދެވޭ ފައިސާގެ ޢަދަދު ތަފާތުވާނެއެވެ.

ދެވަނަ ކެޓަގަރީގައި ހިމެނެނީ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ އަދި އޮލިމްޕިކް ކުޅިވަރުތަކުގެ ތެރެއިން ރީޖަނަލް ފެޑެރޭޝަންތަކާއި ނޮން އޮލިމްޕިކް ކުޅިވަރުތަކުގެ ރީޖަނަލް ފެޑެރޭޝަންތަކުން ހިންގާ މުބާރާތްތަކެވެ. އިނާމްގެ ގޮތުގައި ޓީމް ބައިވެރިވާ ކުޅިވަރު އިވެންޓްތަކާއި ވަކިވަކި ފަރުދުން ބައިވެރިވާ ކުޅިވަރުގައި ދެވޭ ޢަދަދު ތަފާތުވާނެއެވެ. ކޮންމެ މެޑަލެކަށް ވެސްދެވޭ ފައިސާގެ ޢަދަދު ތަފާތުވާނެއެވެ.

ތިންވަނަ ކެޓަގަރީގައި ހިމެނެނީ އައިއޯސީ އަދި އޯސީއޭއިން ހިންގާ ޔޫތު ގޭމްސް، ބީޗް ގޭމްސް، އިންޑޯރ ގޭމްސް، އޮލިމްޕިކް ކުޅިވަރުތަކުގެ ސަބް ރީޖަނަލް ފެޑެރޭޝަންތަކުން އަދި ކޮންފެޑެރޭޝަންތަކުން ހިންގާ މުބާރާތްތަކެވެ. އަދި އޮލިމްޕިކް ނޫން ކުޅިވަރުތަކުގެ ސަބް ރީޖަނަލް ފެޑެރޭޝަންތަކުން އަދި ކޮންފެޑެރޭޝަންތަކުން ހިންގާ މުބާރާތް، ސަބް ރީޖަނަލް ގޭމްސް (އިސްލާމިކް ސޮލިޑާރިޓީ ގޭމްސް)، އައިއޯއައިޖީ، ސާފް ގޭމްސް، ތަފާތު ފެޑެރޭޝަންތަކުން ހިންގާ އުމުރުފުރާތަކުގެ މުބާރާތް އަދި ރީޖަނަލް އަދި ސަބް ރީޖަނަލް ފެޑެރޭޝަނުން ހިންގާ އުމުރުފުރާތަކުގެ މުބާރާތްތަކެވެ.

އިނާމްގެ ގޮތުގައި ޓީމް ބައިވެރިވާ ކުޅިވަރު އިވެންޓްތަކާއި ވަކިވަކި ފަރުދުން ބައިވެރިވާ ކުޅިވަރުގައި ދެވޭ އަދަދު ތަފާތުވާނެއެވެ. ކޮންމެ މެޑަލްއަކަށް ވެސް ދެވޭ ފައިސާގެ އަދަދު ތަފާތުވާނެއެވެ. އަދި ހުރިހާ ކެޓަގަރީތަކުގައި ވެސް ޓީމް އިވެންޓްތަކުގައި ޓީމްގައި ރަސްމީކޮށް ރަޖިސްޓްރީވެގެން ހިމެނޭ ހުރިހާ އޮފިޝަލުންނަށް ކުޅުންތެރިންނާއި އެއްވަރަށް ފައިސާގެ އިނާމް ލިބޭނެއެވެ. އަދި މީގެ އިތުރުން މިނިސްޓަރގެ ބޯނަސްގެ ގޮތުގައި އެތުލީޓުންނަށްވެސް ފައިސާ ދެވޭނެއެވެ.

ކުޅުންތެރިންނަށް ހިތްވަރުދީ ބައިނަލްއަގްވާމީ މުބާރާތްތަކުން މެޑަލް ހޯދުމަށް ބާރުއެޅުމުގެ ގޮތުން މި އުސޫލު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި އުސޫލު އެކުލަވާލާފައިވަނީ ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހުންނެވެ. މިހާރު އަމަލުކުރަމުންދާ އުސޫލްއަކީ 2017 ވަނަ އަހަރު ޖޫން މަހު ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ އުސޫލްއެކެވެ.