ޚަބަރު

ކައުންސިލުގެ ޒިންމާދާރު ވެރިޔަކު ހޮވާއިރު ކައުންސިލްގެ ލަފާ ހޯދޭނެ ގޮތެއް އޮތުން މުހިންމު - ނިޔާޒް


އިދާރީގޮތުން ކައުންސިލްތައް ހިންގުމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވެން އޮތް އެންމެ ރަނގަޅުގޮތަކީ ކައުންސިލްތަކުގެ ޒިންމާދާރު ވެރިންނަކީ ކައުންސިލަރުންގެ ލަފާގެމަތީން އައްޔަންކުރެވޭ ބަޔަކަށް ހެދުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ މާލީ މުޢާމަލާތްތަކާއި އާމްދަނީއާއި ޚަރަދު އިލެކްޓްރޯނިކް ނިޒާމަކުން ބެލެހެއްޓުމަށް ފިނޭންސް މިނިސްޓްރީއާއި އެލްޖީއޭއިން ތަރައްޤީކޮށްފައިވާ "ވިޔަ" ނިޒާމަށް ކައުންސިލަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ ކައުންސިލްތައް ހިންގުމުގެ ޝަކުވާއާއި، ކައުންސިލްތަކުން ކަންކަން ނުކުރެވޭ ކަމުގެ ޝަކުވާތަކަކީ އަބަދުވެސް އަޑުއިވޭ ވާހަކަތަކެއްކަމަށެވެ. އަދި ކައުންސިލްތައް ހިންގުމުގައި ކައުންސިލަރުންނަށް އިދާރީ މުވައްޒަފުންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ ވާހަކަތަކާއި ޝަކުވާތަކަކީވެސް އާންމު ވާހަކަތަކެއްކަމަށެވެ.

ނިޔާޒް ވިދާޅުވީ މިކަމަށް ހައްލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓުން އިންތިޙާބްކުރާ ކައުންސިލަރުންނަށް ދައުރުގައި ކަންކަން ކުރެވޭނޭ ގޮތަކަށް އިދާރީ ކަންކަންވެސް ކުރެވިގެންކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ކައުންސިލްތައް ނުހިންގި ދިމާވެފައިވާ މައްސަލަތަކަކީ ހަމައެކަނި އިދާރީ މުވައްސަޒިފުންނާއި ޒިންމާދާރު ވެރިޔާގެ އެއްބާރުލުން ނުލިބިގެން ދިމާވާ މައްސަލައެއް ނޫންކަމަށާއި، ގިނަ ކައުންސިލްތައް ގުޅިގެން އެކައްޗެއްގެ ގޮތުގައި މަސައްކަތް ކުރެވޭތަން ފެންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިކަމަށް އޮތް ހައްލަކީ އެއިރަކު އިންތިޙާބްވާ ކައުންސިލަރުންގެ ލަފާގެމަތީން ޒިންމާދާރު ވެރިޔަކު ކަނޑައެޅުން ކަމުގައިވެސް ނިޔާޒް ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެންނަ އިސްލާހުތަކާއެކު މާލީ ގޮތުން ބޮޑު ޕަސެންޓެއް ކައުންސިލަތަކަށްލިބި، ރަށާއި، އަތޮޅުގެ ބިމުކުއްޔާއި މިނޫންވެސް ގިނަ ކަންކަން ފަހިވެގެންދާނެއެވެ. އަދި 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާއިއެކު ކައުންސިލްތަކަށް މިޤާނޫނުގެ ފޮނިމީރުކަން ލިބިގެންދާނެކަމަށް އަލީ ނިޔާޒްވަނީ ވިދާޅުވެފައެވެ.