ޚަބަރު

ތ. މަޑިފުއްޓާއި ވިލުފުށީގެ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުވައިފި


ތ. މަޑިފުއްޓާއި ވިލުފުށީގައި އިމާރާތްކޮށްފައިވާ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ހުޅުއްވައިދެއްވައިފިއެވެ.

ހޯމް މިނިސްޓަރ ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ތ. އަތޮޅުގައި ފުލުހުން ތިއްބަވާ ހުރިހާ ރަށަކަށް ވަޑައިގެން އެރަށްރަށުގައި މަސައްކަތްކުރައްވާ ފުލުހުންނާއި، ފުލުހުންގެ އިދާރާތަކުގައި މަސައްކަތްކުރައްވާ ޢާއްމު މުވައްޒަފުންގެ އިތުރުން ކައުންސިލްތަކުގެ މެމްބަރުންނާއި ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން ތ. އަތޮޅުގެ ރަށްތަކަށް މިނިސްޓަރ ޢިމްރާން ކުރެއްވި މި ދަތުރުފުޅުގައި ވަނީ ތ.ވިލުފުށި، މަޑިފުށި، ދިޔަމިގިލި، ގުރައިދޫ، ތިމަރަފުށި، ކިނބިދޫ، ވޭމަންޑޫ، އަދި ހިރިލަންދުއަށް ވަޑައިގެން އެރަށްތަކުގައި މަސައްކަތްކުރައްވާ ފުލުހުންގެ އިތުރުން ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުންތަކުގައި ޚިދުމަތްތައް ފުޅާކުރުމާއި، ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި މަޑިފުއްޓާއި ވިލުފުށްޓަށް ވަޑައިގެން އެދެރަށުގައި އިމާރާތްކޮށްފައިވާ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ވަނީ ހުޅުއްވައިދެއްވާފައެވެ. ދެ ރަށުގެ ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފުލުހުންނާއި، ކައުންސިލްތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވިލުފުށި ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ކޮންމެ ރައްޔިތެއްގެ ނުވަތަ މުޖުތަމައެއްގެ އެންމެ ބޮޑު އުއްމީދަކީ އެރަށަކަށާއި، އަތޮޅަކަށް އަދި މުޅި ޤައުމަށް ހިތްހަމަޖެހުމާއި އުފަލާ ކުރިއެރުން ލިބި އަމާންކަމާއި ރައްކާތެރިކަމާއެކުގައި ހަޔާތް ވޭތުކުރުމުގެ ފުރުޞަތު ލިބުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މުޖުތަމައުއެއް ކުރިއަރާ ތަރައްޤީވެގެން ދިއުމުގެ އެންމެ މުޙިއްމު އެއް ބަހާއަކީ އެބައެއްގެ މެދުގައި އޮންނަ ސުލުހަވެރިކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަންކަމަށެވެ. އަދި ކޮންމެ ސަބަބަކާހުރެ ނަމަވެސް އެމުޖުތަމައެއްގެ އެކުވެރިކަމާއި އެއްބައިވަންތަކަން ގެއްލި މުޖުމަތަމައެއްގެ ތެރޭގައި ސުލުހަވެރިކަމާއި ސުލުހަމަސަލަސްކަން ގެއްލި ނާމާންކަމާއި ބައިބައިވުން އުފެދިއްޖެނަމަ އެމުޖުތަމައުއަކީ ކުރިއަރާދެވޭނެ މުޖުތަމައުއެއްނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ރައްޔިތުންގެ ޞުލުހަވެރިކަމާއި އެކުވެރިކަން ދެމެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ހޯމް މިނިސްޓްރީއާ ހަވާލުކުރެވިފައިވާ ޒިންމާތަކުގެ ތެރެއިންވެސް ރައްޔިތުންގެ ސުލުހަމަސަލަސްކަން ޤާއިމްކޮށް، ރައްޔިތުންނަކީ އެކުވެރި އެއްބައިވަންތަ ބަޔަކަށް ހަދާ ރައްޔިތުންނަކީ ޒިންމާދާރު ބައެއްގެ ގޮތުގައި ބިނާކުރުމަކީ މުޙިއްމު ޒިންމާއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަސްލަހަތާއި، ރައްޔިތުންގެ އަމާންކަން ކަށަވަރުކޮށްދިނުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުން ޚާއްޞަކޮށް ފުލުހުންނާއި ހޯމް މިނިސްޓްރީއާއި އެކުގައި، ސަރުކާރުގެ ސިޔާސަތުތަކާއެކުގައި ރައްޔިތުންގެ އަމާންކަން ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް، އެކަމުގައި އަޅުގަނޑުމެން އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހޭނަން" މިނިސްޓަރ ވިދާޅުވިއެވެ.

މަޑިފުށި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ ހަމައެކަނި ކުށްކުރާ މީހުން ހިފަހައްޓާ ނުވަތަ ކުށްކުރާ މީހުން ކޮންޓްރޯލްކުރާ މުއައްސަސާއަކަށްވުމުގެ ބަދަލުގައި މުޅި މުޖުތަމައުގެ ފާގަތިކަމާއި އުފަލަށް މުޅި މުޖުތަމައުގެ ހަމަޖެހުމާއި، ތަރައްޤީއަށް އެއްބާރުލުންދޭ، މުޅި މުޖުތަމައުގެ ކުރިއެރުމަށްޓަކައި މަސައްކަތްކުރާ މަރުކަޒަކަށް ނުވަތަ ސްޓޭޝަނަކަށް ވެގެންދިއުމަކީ އެމަނިކުފާނު ކުރައްވާ އުއްމީދެއްކަމަށެވެ.