ކުޅިވަރު

ރާމޯސްގެ ތައުރީފް މެސީ އަށް

ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް އެކުލަބާ އެންމެ ވާދަވެރި ބާސެލޯނާގެ ފޯވަޑް ލަޔޮނަލް މެސީ އަށް ތައުރީފްކޮށްފި އެވެ.

ރާމޯސްގެ އައު ޑޮކިއުމަންޓްރީ ނެރުމަށް ބޭއްވި ހަފުލާގައި ޕްރެޒެންޓަރު ކުރި ސުވާލަށް ޖަވާބުދެމުން އޭނާ ބުނީ މެސީ އަކީ ކުރިމަގުގެ ޖީލުތަކަށް ހުރި މިސާލެއް ކަމަށެވެ.

"އަހަރެން އަބަދުވެސް މެސީއާމެދު ވާހަކަ ދައްކަނީ ޕޮޒިޓީވްކޮށް. އޭނާ އަކި ތާރީހުގައި ވެސް ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ. އެއީ ނަމޫނާ ކުޅުންތެރިއެއް. އޭނާ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ އަބަދުވެސް މޮޅުވާން ބޭނުންވާ ކުޅުންތެރިއެއް،" ރާމޯސް ބުންޏެވެ.

ބާސެލޯނާއާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ބުނާގޮތުން އޭނާ އަށް ކޮންމެ ސީޒަނެއް ނިމުމުން ޓީމު ދޫކޮށްލުމުގެ އިހްތިޔާރު ލިބިފައިވެ އެވެ.

މިކަމާމެދު ވާހަކަ ދައްކަމުން ރާމޯސްއާ އެކު މެސީ ރެއާލް މެޑްރިޑުން ފެންނަން ބޭނުންތޯ އެހުމުން ރާމޯސް ސީދާ ޖަވާބެއް ނުދިނެވެ.

"އެއީ މެސީގެ ޑިސިޝަނެއް. އޭނާ ބޭނުން ކޮންމެ ކުލަބަކަށް ވެސް ދެވިދާނެ. އެހެންވީމާ ތިކަން ނިންމާނީ އޭނާ. އަހަރެން އޭނާ ބަލައިގަންނަނީ ވަރަށް މޮޅު ކުޅުންތެރިއެއްގެ ގޮތުގައި،" ސްޕޭނުގެ ވެސް ކެޕްޓަން ބުންޏެވެ.