ކުޅިވަރު

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިއަކީ އަހަރެން: އެޓޫ


އެފްރިކާ މިހާތަނަށް ދެކެފައިވާ އެންމެ މޮޅު ކުޅުންތެރިއަކީ އޭނާ ކަމަށް ކެމަރީނުގެ ފޯވަޑް ސެމިއުލް އެޓޫ ބުނެފި އެވެ.

އުމުރުން 38 އަހަރުގެ ފޯވަޑް މިހެން ބުނީ ފުޓްބޯޅަ ކުޅުން ހުއްޓާލުން ފާހަގަ ކުރުމަށް ޓީވީ ޝޯއެއްގައި ވާހަކަ ދައްކަމުންނެވެ.

"އަހަންނަށް އެނގޭ އަހަރެންނަށްވުރެ މޮޅަށް ކުޅެފާނެ ކުޅުންތެރިން އަންނާނެކަން. އެކަމަކު ޔަގީންކަމެއް މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިއަކީ އަހަރެން. މިކަމަށް ފާޑުކިޔާފާނެ ކޮންމެވެސް ބަޔަކު. އަހަރެން ހޯދި ކާމިޔާބީތަކުން އެކަން ފެންނަން ހުންނާނެ،" އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދި ކުޅުންތެރިޔާ ބުންޏެވެ.

އެޓޫގެ ކެރިއަރުގެ ބޮޑުބައި ހޭދަކޮށްފައިވަނީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުލަބު ކަމަށްވާ ސްޕޭނުގެ ބާސެލޯނާގަ އެވެ. އެކުލަބުގައި އޭނާ ވަނީ ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ފަހުން އިޓަލީގެ އިންޓަމިލާނަށް ބަދަލުވެ އެ ކުލަބުގައި ވެސް ޗެމްޕިއަންސް ލިގު ކާމިޔާބުކުރި އެވެ.

އެޓޫ ކުޅުން ހުއްޓާލިއިރު އޭނާ އަކީ ކެމަރޫނުގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާވެސްމެ އެވެ. އެޓޫ ބުނީ ކުޅުން ހުއްޓާލި ނަމަވެސް ފުޓްބޯޅައިގައި މަސައްކަޔް ކުރާނެ ކަމަށާއި ޓީމެއްގެ ބެންޗުން ނުފެނުނު ނަމަވެސް އޭނާ ޝައުގުވެރިވާ ދާއިރާތައް އެބަހުރި ކަމަށެވެ.