މުނިފޫހިފިލުވުން

ޕްރިޔަންކާއާއި ފަރްޚާންގެ ކެމިސްޓްރީ މިފަހަރު "ދަ ސްކައި އިޒް ޕިންކް"އިން


މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހިންދީ ސިނަމާތަކުން ދުވަސްކޮޅަކަށް ގެއްލުމަށްފަހު، އޭނާގެ ފޭނުންނަށް އަނެއްކާވެސް މިވަނީ އުފާވެރި ޚަބަރެއް ދީފައެވެ.

ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާއި ކައިވެނި ކުރުމަށްފަހު ޕްރިޔަންކާ އޭނާގެ އާއިލާއަށް ވަގުތުހުސްކޮށް، ފިލްމީ ދުނިޔެއިން ކުޑަށް ބްރޭކެއްނެގި ނަމަވެސް، ހިންދީ ސިނަމާތަކުން އަލުން އޭނާ ފެންނާނެ ދުވަހަކަށް ޕްރިޔަންކާގެ ފޭނުން ތިބީ ކެތްމަދުވެފައެވެ.

ޝޮނާލީ ބޮސްގެ "ދަ ސްކައި އިޒް ޕިންކް"އާއެކު ހިންދީ ސިނަމާތަކަށް ޕްރިޔަންކާ އެނބުރި އައުމަށް ތައްޔާރުވަމުންދާއިރު، މި ފިލްމުގައި އޭނާއާއެކު ފެނިގެންދާނީ ފަރްޚާން އަޙްތަރެވެ. މިއީ މި ދެ ފަންނާނުން އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ. އަންނަމަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ އޮފިޝަލް ޓްރެއިލަރ މިހާރު ވަނީ އާއްމުކޮށްފައެވެ.

ހަޤީޤީ ޙާދިސާއެއްގެ މައްޗަށް ތައްޔާރުކުރާ "ދަ ސްކައި އިޒް ޕިންކް"އިން އާއިލީ ލޯބީގެ ތަފާތު ރަހަތަކެއް ދައްކުވައިދޭއިރު، ފިލްމުގެ އޮފިޝަލް ޓްރެއިލަރއިން ޕްރިޔަންކާއާއި ފަރްޚާންގެ ފަރާތުން ފެނިގެންދާ ހިތްގައިމު ކެމިސްޓްރީއަށް ގިނަ ބައެއްގެ ތަޢުރީފު ދަނީ ލިބެމުންނެވެ. އަދި ޓްރެއިލަރއަށް ބެލުންތެރިންގެ ފަރާތުން ދަނީ ބޮޑު ތަރުޚީބެއް ލިބެމުންނެވެ.

ޕްރިޔަންކާއާއި ފަރްޚާންގެ އިތުރުން، ޒުވާން 2 މޫނުކަމަށްވާ ރޯހިތު ސުރޭޝް ސަރަފާއި ޒައިރާ ވަސިމްވެސް މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދެއެވެ.

"ދަ ސްކައި އިޒް ޕިންކް"ގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. އަދި މި ފިލްމުގެ ލީޑު އެކްޓަރގެ ރޯލު އެންމެ ފުރަތަމަ ހުށަހެޅީ އަބީޝެކް ބަޗަންއަށެވެ. ނަމަވެސް އޭނާ މި ފިލްމު ދޫކޮށްލުމާއެކު އެ ފުރުޞަތު ދެން ދީފައިވަނީ ވާސެޓައިލް އެކްޓަރެއްގެގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ފަރްޚާނަށެވެ. އިންޑިއާގެ މުމްބާއީއާއި ނިއުދިއްލީގެ އިތުރުން ޖަރީރާ ރަށެއްކަމަށްވާ އަންޑަމަން އައިލެންޑްސް އާއި ލަންޑަންގައި މަންޒަރުތައް ޝޫޓްކޮށްފައިވާ މި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލާފައިވަނީ މިއަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ.

އޮކްޓޯރބަރ 11 ގައި މި ފިލްމް ރަސްމީކޮށް ސިނަމާތަކުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވީނަމަވެސް، ކެނެޑާގައި މިހާރު ކުރިއަށްދާ "ޓޮރޮންޓޯ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް"ގެ ތެރެއިން މިމަހުގެ 13 ވަނަ ދުވަހު މި ފިލްމް ޕްރިމިއަރކުރުމަށް ވަނީ ނިންމާފައެވެ.

ޕްރިޔަންކާ އެންމެފަހުން ބޮލީވުޑްގެ ފިލްމަކުން ފެނިގެންގޮސްފައިވަނީ 2015 ވަނަ އަހަރު ރިލީޒްކުރި ސަންޖޭ ލީލާގެ ކާމިޔާބު ފިލްމް "ބަޖީރާއޯ މަސްތާނީ"އިންނެވެ. ގާތްގަނޑަކަށް 4 އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރިޔަންކާގެ ފިލްމެއް ބޮލީވުޑްގައި އެޅުވުމަށް ތައްޔާރުވަމުންދާއިރު، މި ފިލްމާމެދު އޭނާގެ ފޭނުން ތިބީ ކެތްމަދުވެފައެވެ.