ވިޔަފާރި

ޔޫކްރެއިންގެ ސޯޝަލް މީޑިއާގައި ނުފޫޒުގަދަ މީހުން މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރަނީ


ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް ޔޫކްރެއިންގެ ސޯޝަލް މީޑިއާގައި ނުފޫޒުގަދަ މީހުންގެ ޓީމެއް ރާއްޖެ ގެނެސްފިއެވެ.

ރާއްޖޭގެ ޓުއަރ އޮޕަރޭޓަރެއްކަމަށްވާ ރިސޯޓް ލައިފްއިން އިންތިޒާމުކޮށްގެން ރާއްޖެ ގެނައި މި ޓީމު ރާއްޖެ އައިސްފައިވަނީ އިއްޔެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޔޫކްރެއިންގެ މި ޓީމަށް މަރުހަބާ ދަންނަވާފައިވަނީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދެވެ.

ޔޫކްރެއިންގެ ސޯޝަލް މީޑިއާގައި ނުފޫޒުގަދަ 45 މީހުން ރާއްޖެ ގެނެސްފައިވާއިރު، ހަފްތާއެއްހާ ދުވަސް މިމީހުން ރާއްޖޭގައި ހޭދަކުރާނެއެވެ. އެގޮތުން އެމީހުން ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ ކަނޑިންމަ ރިސޯޓާއި ރިއު ހޮޓެލް މޯލްޑިވްސްގައެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ، އިންޑަސްޓްރީގެ ފަރާތްތަކުން ވެސް އިސްނަގައިގެން ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ހިންގާ މި ފަދަ ހަރަކާތްތައް އުފަލާއެކު ބަލައިގަންނަ ކަމަށެވެ. އަދި އެ ފަދަ ހަރަކާތްތަކުން ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ޔޫކްރެއިންއިން ރާއްޖެއަށް 7623 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 12.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް ހިންގޭ ހަރަކާތްތަކުގެ ތެރެއިން ބޭރު ދުނިޔޭގެ ބްލޮގަރުންނާއި ސޯޝަލް މީޑިއާގައި ނުފޫޒުގަދަ މީހުން ރާއްޖެ ގެނެސް އެމީހުންނަށް ރާއްޖެ ތަޖްރިބާކުރުމުގެ ފުރުސަތުދީ އެމީހުންގެ ބްލޮގްގައި ލިޔުމާއި އެކި ބޭރު ދުނިޔޭގެ ނޫސްތަކުގައި ލިޔުމުގެ ހަރަކާތްތައް އެމްއެމްޕީއާރުސީން އަންނަނީ ހިންގަމުންނެވެ.