ޚަބަރު

ނަފްސާނީ ބަލިމީހުންނަށް އެންމެން އެހީވުމަށް ރައީސްގެ އަނބިކަނބަލުން އިސްތިމާސްކުރައްވައިފި


ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ މީހުންނަށް އެންމެން އެހީވުމަށާއި އެފަދަ މީހުންނަށް ފަރުވާ ދިނުމުގައި މިދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިގޮތަށް ގޮވާލެއްވީ، ނަފްސާނީ ބަލި ހުންނަ މީހުންނަށް ފަރުވާ ދިނުމަށްޓަކައި އަމިއްލަ ފަރާތަކުން ހުޅުވި "ތިބާ ސައިކޮލަޖީ" ކްލިނިކް ރަސްމީކޮށް ހުޅުއއްވާދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. ފަޒްނާ ވިދާޅުވީ މިކްލިނިކްގެ ސަބަބުން ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރާކަމަށާ، އަދި މިދާއިރާއަށް މުހިއްމު އެކްޝަން ޕްލޭންތަކެއް ހެދިގެން އަންނާނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ރާއްޖޭގައިވެސް ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތައް ތިބިކަން ފާހަގަކޮށް އެކަމަނާވަނީ މިކަމަށް ޢާއްމުން ހޭލުންތެރިކުރުވުމަކީ މުހިއްމުކަމެއްކަމަށާއި އެކަން ކުރުމަށްވެސްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް އެހީވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށްވެސް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

"ތިބާ ސައިކޮލަޖީ" ކްލިނިކްއަކީ އަމިއްލަ ފާރާތްތަކެއް ގުޅިގެން ހުޅުވާފައިވާ ތަނެކެވެ. މިތަނުން
ކައުންސިލިން ދިނުމާއި އެކިކަހަލަ ސައިކޯ ތެރަޕީގެ ޚިދުމަތްތައް ފޯރުކޯށްދިނުމާއި ސައިކޮލަޖިކަލް އެސެސްމަންޓްތައް ހެދޭނެކަމަށް އެކްލިނިކުން ބުނެއެވެ. ކްލިނިކްގެ ފައުންޑަރ މެމްބަރ ޝުޒްނާ އިބްރާހީމް ވިދާޅުވީ އެކްލިނިކުން ކޮންމެ ޢުމުރުފުރާގެ މީހަކަށްވެސް ޚިދުމަތް ދެމުންގެންދާނެކަމަށެވެ. އަދި ބަލި މީހުންނަށް ޚިދުމަތްދިނުމުގައި ޙަރަކާތްތެރިވަމުންދާނީ އެދާއިރާގައި މަސައްކަތްކުރާ ދިވެހިންކަމަށެވެ.

"ތިބާ ސައިކޮލަޖީ" ހުންނަނީ މ.ފްލެމިންގޯގެ ތިންވަ ފަންގިފިލާގައެވެ. އެކްލިނކުންބުނީ ނަފްސާނީ ބަލީގެ ކަންކަން ދިރާސާ ކުރުމާއި މީހުން ތަމްރީންވެސް ކުރާނެކަމަށެވެ. އަދި އެކްލިނިކަކީ ބައިނަލް އަޤްވާމީ މިމްގަނޑުތަކަށް ފެތޭ ކްލިންކްއެއްކަމަށާ، ޚިދުމަތް ދެމުންގެންދާނީ އެންމެ ފަހުގެ ޓްކްނޮލަޖީ ބޭނުންކޮށްގެންކަމަށްވެސް އެކްލިނިކުން ބުނެއެވެ.