ޚަބަރު

މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަޤާމަށް ޢަލީ ޙާޝިމް ޢައްޔަން ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަޤާމަށް މައްޗަންގޮޅި ޑާޗާ، ޢަލީ ޙާޝިމް ޢައްޔަން ކުރައްވައިފިއެވެ.

ގަވަރުނަރުގެ މަޤާމަށް ހާޝިމް ޢައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަށް ޢަލީ ޙާޝިމް ޢައްޔަން ކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ޢަލީ ޙާޝިމް އެ މަޤާމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާވަނީ ޙަވާލުކުރައްވައިފައެވެ.

ކުރީގެ ފިނޭންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޢަލީ ޙާޝިމް، މަރުކަޒީ ބޭންކުގެ ގަވަރުނަރަކަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.

ޢަލީ ހާޝިމް ފިނޭންސް މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2008ވަނަ އަހަރުން ފެށިގެން 2010ވަނަ އަހަރާއިހަމައަށެވެ.

ގަވަރުނަރުގެ މަޤާމަށް ޢަލީ ހާޝިމް އައްޔަންކުރައްވާފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި އަޙްމަދު ނަސީރު ޖުލައި މަހުގެ 24ވަނަ ދުވަހު މަޤާމުން އިސްތިޢުފާދެއްވުމާއި ގުޅިގެންނެވެ.