ޚަބަރު

އދ.ގެ އެސްޑީޖީސް އެންޑް ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ރާއްޖެއިން ތަޤުރީރުކުރަނީ


އދ.ގެ ވިޔަފާރިއާއި ތަރައްޤީއާގުޅޭ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ތަޤުރީރުކުރުމަށް ހަމަޖެހިއްޖެއެވެ.

މިކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ތަޤުރީރުކުރައްވާނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ޙުސައިން ރަޝީދު ޙަސަން. މިމަހުގެ 9އިން 13އަށް ކުރިއަށްގެންދާ "ޔޫއެން ޓްރޭޑް ފޯރަމް - އެސްޑީޖީސް އެންޑް ކްލައިމެޓް ޗޭންޖް"ގައި ރާއްޖެއިން ވަކާލާތުކުރާނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިޤްތިސާދާއި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ ނޭދެވޭ އަސަރުތަކާއި ބެހޭގޮތުންނެވެ.

މި ބައްދަލުވުމަކީ އދ.ގެ ޖެނެރަލް އެސެމްބްލީ ގެ ހަވާސާގައި މި މަހުގެ 23ގައި ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކްލައިމެޓް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން، އދ.ގެ ކޮންފަރަންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ ފަރާތުން އިންތިޒާމުކޮށްގެން، ބާއްވާ ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމުގައި، ވިޔަފާރިއާއި އިޤްތިސާދުތަކަށް ކުރަމުންދާ އަދި ކޮށްފާނެ އަސަރުތަކާއި އަދި އެފަދަ ކަންކަން ކުޑަކުރުމަށް ޤައުމުތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ރާއްޖެފަދަ ޤައުމުތަކަށް ލިބެމުންދާ ގެއްލުންތަކާއިމެދު ޤައުމުތައް ހޭލުންތެރިކުރުމަށް ރާއްޖެއިން އަންނަނީ ބައިނަލްއަޤުވާމީ މައިދާނުގައި ވަކާލާތުކުރަމުންނެވެ.