ޚަބަރު

ކައުންސިލް އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކީގައި ބޭއްވުން މުހިންމު - ޝަރީފް


ޤާނޫނު އަސާސީއަށް ބަދަލުގެނެސްގެންނަމަވެސް ކައުންސިލް އިންތިޚާބާއި މަޖިލިސް އިންތިޙާބް އެކީގައި ބޭއްވޭއްނެ އިންތިޒާމު ހަމަޖެއްސުމަކީ މުހިންމު ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި އިންތިޚާބުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އިންތިޚާބްތައް ބާއްވާއިރު ދައުލަތަށްވެސް އަދި ޕާޓީތަކަށްވެސް އެންމެ ލުއި ގޮތަކީ ކޮބައިތޯ ބަލަންޖެހޭކަމަށެވެ. އެގޮތުން ކޮންމެ އިންތިޙާބަކަށް ދައުލަތުން އެތައް މިލިޔަކުން ޙަރަދުކުރާއިރު މި ޙަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމަކީވެސް މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޙާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބް އެކީގައި ބޭއްވޭނެ އިންތިޒާމު ހަމަޖެހުމަކީ މިކަންކަމަށް އޮތް ހައްލެއްކަމަށް ދެކޭކަމަށާއި، މަޖިލީހުންވެސް މިކަމާ ވިސްނުން މުހިންމު ކަމަށެވެ. އަދި މިކަން މިގޮތަށް ހަމަޖެހިއްޖެނަމަ ކައުންސިލް އިންތިޙާބާއި، މަޖިލިސް އިންތިޙާބަށް ސިޔާސީ ޕާޓީތަކުން ކުރާ ހޭދަތައްވެސް އެތައްގުނައަކަށް ކުޑަވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މީގެ ސަބަބުން އިންތިޙާބަށް ހޭދަކުރާ ވަގުތާއި ފައިސާ އެހެންކަމަކަށް ހޭދަކުރުމުގެ ފުރުސަތުލިބި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބަކީ މުޅިންވަކި އިންތިޚާބެއް. ރިޔާސީ އިންތިޚާބަކީ ޤައުމީ މަސްލަހަތު އެކުލެވިގެންވާ މުޅިން ވަކި އިންތިޚާބެއް. އެކަމަކު ކައުންސިލް އިންތިޚާބާއި، މަޖިލިސް އިންތިޙާބް އެއްކޮށް ބޭއްވޭނެ އިންތިޒާމުތަކަކާއި، ގޮތްތަކެއް ކަޑައެޅުމަކީ ވަރަށް މުހިންމުކަމެއް. ދައުލަތުން ދެ އިންތިޚާބަށް ކުރަންޖެހޭ ޚަރަދުވެސް މިހެން ވެއްޖެ ކަމުގައިވާނަމަ ކުޑަވާނެ" ޝަރީފް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު މި އިންތިޙާބަށް 60 މިލިޔަނާއި، 70 މިލިޔަނާއި ދޭތެރޭ އަދަދަކަށް ފައިސާ ޙަރަދުވާނޭކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.