ޚަބަރު

އިސްރާއީލުން އަނެއްކާވެސް ފަލަސްޠީނުގެ ދެ ކުއްޖަކު ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާއާއި އިސްރާއީލު ގުޅޭ ސަރަޙައްދީރޮނގު ކައިރީގައި ހުކުރު ދުވަހު ބޭއްވި ސުލްޙަވެރި މުޒާހަރާތަކުގައި ބައިވެރިވި ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުންދިން އަނިޔާވެރި ޙަމަލާތަކުގައި ފަލަސްޠީނުގެ ދެ ކުޑަކުދިން ޝަހީދުކޮށްލައިފިއެވެ.

ފަލަސްޠީނުގެ ސިއްޙަތާބެހޭ އޮފިޝަލުން ބުނެފައިވަނީ އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދިން ޙަމަލާތަކުގައި ޝަހީދުވެފައިވަނީ އުމުރުން ސާދަ އަހަރުގެ ކުއްޖަކާ އުމުރުން ސަތާރަ އަހަރުގެ ކުއްޖެއްކަމަށެވެ. އިސްރާއީލުގެ އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން އިތުރު 70 މީހަކަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާއިރު، މީގެ ތެރެއިން 38 މީހުން ޒަޚަމްވެފައިވަނީ އަސްލު ވަޒަން ބޭނުންކޮށްގެން އިސްރާއީލުން ދީފައިވާ ޙަމަލާތަކުގެ ސަބަބުންކަމަށް ފަލަސްޠީނުގެ ސިއްޙަތާބެހޭ އޮފިޝަލުންވަނީ ބުނެފައެވެ.

2018ވަނަ އަހަރުގެ މާރޗް މަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހު ޣައްޒާގެ ރައްޔިތުން އެ ރަށާއި އިސްރާއީލާ ގުޅޭ ސަރަހައްދީރޮނގު ކައިރީގައި ސިލްސިލާ މުޒާހަރާތައް ކުރައެވެ. މި މުޒާހަރާތައް ކުރަންފެށީ 1948ވަނަ އަހަރު އިސްރާއީލު އުފެއްދުމަށް އަތުލައިގަތް ފަލަސްޠީނުގެ ބިންތަކުގައި އުޅެމުންދިޔަ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުން ފައްސާލާފައިވާތީ، އެ ފަރާތްތަކަށް އަނބުރާ ފަލަސްޠީނަށް އައުމުގެ ހައްޤު ހޯދައިދިނުމުގެ މަޤްސަދުގައެވެ.

މި މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން މިހާތަނަށް ދީފައިވާ ޙަމަލާތަކުގައި ފަލަސްޠީނުގެ 210 ރައްޔިތުންވަނީ ޝަހީދުވެފައެވެ.