ސަތޭކަ އެގާރަ ދިރާސާ ކަރުދާހާއެކު "ތެވެލި" ކޮންފަރެންސް މާދަމާ ފެށުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ތައްޔާރުވެއްޖެއެވެ. 2017ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު މިކޮންފަރެންސް ބާއްވަމުން އަންނައިރު މިއީ ތެވެލި ބާއްވާ 3ވަނަ އަހަރެވެ.
"ތެވެލި 2019" މާދަމާ ފެށުމަށް ތައްޔާރުވެފައިވާއިރު މިހާތަނަށް 111 ދިރާސާ ކަރުދާސް މިކޮންފަރެންސަށް ހުށަހަޅާފައިވާކަމަށް މޯލްޑިވްސް ނޭޝަލް ޔުނިވަރސިޓީން ވިދާޅުވެއެވެ. މިއަހަރުގެ ކަރުދާސްތަކާއި ކޮންފަރެންސް ބިނާވެފައިވަނީ "މޯޓިވޭޓް އިންޓަރގްރިޓީ އެންޑް ޑިސްކަވަރ" މިމައުޟޫގެ ދަށުންކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ. މިމައުޟޫގެ ދަށުން އިތުރު 8 ސަބް ތީމް ކަނޑައެިފައިވާއިރު އޭގެތެރޭގައި ސިއްޙަތާއި ތަޢުލީމާއި ޝަރީޢާއާއި ތިމާވެއްށިފަދަ ދާއިރާތަށް ހިމެނެއެވެ.
މިއަހަރުގެ ކޮންފަރެންސްގައި ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ސައުތް ކޮރެއާއާއި މެލޭޝިއާއާއި ސައުތް އެފްރިކާއާއި ބުރުނާއީއާއި އިންޑިއާ އަދި ލަންކާފަދަ ޤައުމުތައް ހިމެނޭކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ. ތެވެލި ކޮންފަރެންސާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރ ރިސަރޗް ސެންޓަރ ޑރ.ފަޒީލް ނަޖީބު ވިދާޅުވީ މިދިޔަ އަހަރަށްވުރެ ގިނަ ދިރާސާ ކަރުދާސް މިއަހަރު ލިބިފައިވުމަކީ ތެވެލި ކޮންފަރެންސަށް ބައިނަލްއަޤުވާމީ ދުނިޔޭގައި އޮތް ޝަޢުގުވެރިކަން އިތުރުވެގެންދިޔަކަން ދޭހަވާކަމެއްކަމަށެވެ.
ޑރ.ފަޒީލް ވިދާޅުވީ ދިރާސާކުރުމަށް ދިވެހިން އަހުލުވެރިކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާއިރު މިފަދަ ބޮޑު ކޮންފަރެންސެއް ބޭއްވުމަށް މާލީގޮތުން ސަރުކާރުގެ ކުންފުނިތަކުން އެހީތެރިކަން ނުލިބުމަކީ ހިތާމަކުރައްވާ ކަމެއްކަމަށެވެ. އެހެންނަމަވެސް ޕްރައިވެޓް ކުންފުނިތަކުން ތެވެލި ކޮންފަރެންސަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާކަން ޑރ.ފަޒީލް ނަޖީބުވަނީ ފާހަގަކުރައްވާފައެވެ.
2017ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ތެވެލި ކޮންފަރެންސްގެ ނަމުގައި އެމްއެންޔޫއިން އަންނަނީ ދިރާސީ ކަރުދާސްތަކާއި ޢިލްމީ ޕްރެޒެންޓޭޝަންތަކުގެ މައްޗަށް އެކުލަވާލެވޭ ބައިނަލްއަޤުވާނީ ކޮންފަރެންސެއް ރާއްޖޭގައި ބާއްވަމުންނެވެ. އަހަރުން އަހަރަށް މިކޮންފަރެންސްގައި ބައިވެރިވާ ޤައުމުތަކާއި ބައިވެރިކުރާ ދިރާސާ ކަރުދާސްތައް އިތުރުވަމުން އަންނަކަން އެމްއެންޔޫއިން ފާހަގަކުރައްވައެވެ.