ޚަބަރު

ރުބެއްލާ ކޮންޓްރޯލްކުރިކަމުގެ އެވޯޑް ރާއްޖެއަށް ލިބެއްޖެ


ދިވެހިރާއްޖޭގައި ރުބެއްލާއާއި ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޯމް ބަލި ކޮންޓްރޯލް ކުރެވިފައިވާތީ އެކަން ފާހަގަކޮށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ޚާއްޞަ އެވޯޑެއް ދީފިއެވެ.

މިލިޔުން ދިވެހިރާއްޖެއާ ޙަވާލުކުރެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ޞަރަޙައްދުގެ 72ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. މި އެވޯޑާ ރާއްޖެއިން ހަވާލުވެވަޑައިގަތީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީނެވެ. ރާއްޖެއަށް ރުބެއްލާ އާއި ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޯމް ބަލި ކޮންޓްރޯލް ކުރެވިފައިވާތީ އެކަން ފާހަގަކޮށް އެވޯޑް ދީފައިވާއިރު، ރާއްޖެއިން މިހާތަނަށް އައިއިރު ޕޯލިއޯ، މެލޭރިއާ، ފައިލޭރިއާ، ހިމަބިހި ނައްތާލާފައިވާތީ އެކަންވެސް ޑަބްލިޔު އެޗްއޯއިން މީގެކުރިންވަނީ ފާހަގަކުރައްވާފައެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން ސަރަޙައްދުގެ ޤައުމުތަކުން ޞިއްޙީގޮތުން ހޯދާ ކާމިޔާބުތައް ފާހަގަކޮށް ޑަބްލިޔޫ.އެޗް.އޯއިން ސެޓްފިކެޓާއި އެވޯޑް މިއަހަރުވެސްވަނީ ދިފައެވެ. މިގޮތުން މިރަސްމިއްޔާތުގައި ބައެއް ބަލިތައް ނައްތާލާ ކޮންޓްރޯލުކޮށްފައިވާކަމުގެ ލިޔުން އެކި ޤައުމުތަކާ ވަނީ ޙަވާލުކޮށްފައެވެ.

މިމަހުގެ 2އިން 6އަށް އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްގެންދިޔަ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 72ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުމުގައި މިސަރަޙއްދުގެ ސިއްހަތާ ގުޅުންހުރި މުހިއްމު ނިންމުންތަކެއް ވަނީ ނިންމާފައެވެ. އަދި މިނިންމުންތައް ނިންމާ މިސަރަހައްދުގެ ޤައުމުތަކުގެ ސިއްޙަތާބެހޭ ވަޒީރުންނާއި ސިއްޙީ ދާއިރަ ތަމްސީލްކުރެއްވި އިސްވެރިންވަނީ ސިއްހީދާއިރާއަށް ކުރިމަތިވާ އިމަރޖެންސީ ޙާލަތްތަކަށް ރައްކާތެރިވެ ތިބުމާބެހޭ ޚާއްސަ ޤަރާރެއްގައި ސޮއިކޮށްފައެވެ.

މި ޤަރާރަކީ މިސަރަޙައްދުގެ ޤައުމުތަކަށް ކުރިމަތިވާ ސިއްޙީ އިމަރޖެންސީ ޙާލަތްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވޭ މަސައްކަތަށް އިތުރު ބާރެއް ގެނައުމުގެ ގޮތުން ސޮއިކޮށްފައިވާ ޤަރާރެކެވެ.
މިބައްދަލުވުމުގައި މި ސަރަހައްދުގެ ސިއްޙީދާއިރާގެ ގިނަ މަޢުޟޫތަކަށް މަޝްވަރާކޮށް މުހިއްމު ނިންމުންތަކެއް ވަނީ ނިންމާފައެވެ.

މިގޮތުން މިސަރަޙައްދުގެ ޤައުމުތަކުން ޓީބީއާއި މޫސުމަށް އަންނަ ބދަލުތަކާ ގުޅިގެން ސިއްޙަތަށް ކުރާ އަސަރުތައް ކުޑަކުރުމަށް ޤައުމުތަކުން މަސައްކަތް ކުރާނެ އެކްޝަންޕްލޭންތަކެއް ވަނީ ކަނޑައަޅާފައެވެ. އަދި ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ދުނިޔެއިން ނައްތާލުމަށް ޤައުމުތަށް ގުޅިގެން ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރުމާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސިއްޙީ ދާއިރާއިން ކުރާ މަސައްކަތްތަކާމެދުވެސް ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ދިވެހި ރާއްޖޭގެ ވަފުދުން ރާއްޖޭގެ ސިއްޙީދާއިރާއަށް މުހިއްމު ތަފާތު ދާއިރާތަކުން ހުށަހެޅުންތައް ވަނީ ހުށައަޅަފައެވެ.

މި ބައްދަލުވުގެ ހަވާސާގައި ތައިލޭންށްގެ ވަފްދާ ބައްދަލުކުރައްވާ ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރާ މަސައްކަތްތައް ހިއްސާކޮށް އިތުރަށް އެހީ ބޭނުންވާ ދާއިރާތަކާމެދުވެސް ރާއްޖެއިން ވަނީ މަޝްވަރާކޮށްފައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 72ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުމުގައި މި ސަރަހައްދުގެ 11 ޤައުމުން ސިއްޙަތާބެހޭ ވަޒީރުންނާއި އިސްބޭފުޅުންގެ އިތުރުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލްއާއި މި ސަރަޙައްދުގެ ރީޖަނަލް ޑައިރެކްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އދ.ގެ ކަމާގުޅޭ ޖަމިއްޔާތަކާއި ސިއްޙަތާގުޅޭ ތަފާތު ދާއިރާތަކުގެ މާހިރުންނާއި ސިއްޙަތާގުޅޭ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަނީ މަޢުލޫމާތު ދެއްވާފައެވެ.