މާޅޮސްމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތައް ބަހައްޓައި ޚިދުމަތްދޭން ފަށައިފިއެވެ. އެ އަތޮޅުގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އެ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
"މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް" މަޝްރޫޢު އަކީ މިދިޔަ އަހަރު ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސްއިން ފަށާފައިވާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ދަށުން މިއަހަރު މިހާތަނަށް 47 ރަށުގައި އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށާފައިވާއިރު، މިއީ އަސާސީ ބޭންކިން ޚިދުމަތް ރަށްތަކުގެ ރައްޔިތުންނަށް ދިނުމަށް ފަށާފައިވާ މަޝްރޫޢުއެއް ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވިއެވެ.
މިމަޝްރޫޢުގެ ދަށުން މާޅޮސްމަޑުލު ދެކުނު ބުރީގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން 10 ރަށުގައި އޭޓީއެމް ވަނީ ބަހައްޓާފައެވެ. މިއީ އަސާސީ ބޭންކިންގެ ހުރިހާ ޚިދުމަތެއް ދެވޭ 24 ގަޑިިއިރު ފައިސާ ޖަމަޢުކޮށް ފައިސާ ނެގޭ އޭޓީއެމް ތަކެކެވެ. އަދި އޭޓީއެމްތަކުން، ލޯނުތަކަށް ފައިސާ ދައްކާ ކްރެޑިޓް ކާޑަށްވެސް ފައިސާ ދެއްކޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ވިދާޅުވެއެވެ.
ބޭންކް އޮފް މޯލްޑިވްސް އެންމެ ފުރަތަމަ އޭޓީއެމް ޚިދުމަތް ދޭން ފެށީ މާލޭގައި 2000ވަނަ އަހަރު ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ވިދާޅުވެފައެވެ. އޭރު މާލޭގައި 5 އޭޓީއެމް ބެހެއްޓުމަށް ފަހު އޮތޮޅުތަކަށް މި ޚިދުމަތް ފުޅާވީ 2007 ވަނަ އަހަރު ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. ބީއެމްއެލްގެ ޚިދުމަތް ފުޅާކުރުމަށް އެއަށް ފަހުވެސް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާއިރު 2008 އިން 2023 އާއި ހަމައަށް އޭޓީއެމް ބެހެއްޓިފައި ހުރީ 67 ރަށުގައި ކަމަށް ބޭންކުން ފާހަގަކުރެއެވެ. އަދި މިމަޝްރޫޢުގެ ފެށުމުގެ ކުރިން މިދިޔަ އަހަރު ބަހައްޓާފައިވަނީ އެންމެ 9 އޭޓީއެމް ކަމަށް ބީއެމްއެލްއިން ވިދާޅުވެފައެވެ.
ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް މާޅޮހު އެޓީއެމް ހުޅުވުމުގެ ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިހާތަނަށް ބ އަތޮޅު ހިމެނޭހެން 7 އަތޮޅެއްގައި މި ޚިދުމަތް ފެށިފައިވާ އިރު، މިހާރުވެސް އިތުރު 23 ރަށުގައި ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.
"މިވަގުތު އިތުރު 5 އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމަށް ވަނީ ތައްޔާރުވެފައި. ބާކީ 7 އަތޮޅުގެ 33 ރަށުގައި ކުރިއަށް 2-3 މަސް ދުވަހުގެ ތެރޭގައި އޭޓީޢެމް ޚިދުމަތް ޤާއިމްކޮށް، މިމަޝްރޫޢު ކަމިޔާބު ކަމާއި އެކު ވަނީ ނިންމާލާނަން" ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގެ އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާއިރު، ބޭންކުގެ އަމާޒަކީ މިއަހަރު ނިޔަލަށް މަޝްރޫޢު އެއްކޮށް ނިންމާލުމެވެ. މިމަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި އެރަށްތަކަށް އިޤްތިޞާދީ ކުރިއެރުން ލިބިގެންދާ ކަމަށް ބޭންކުން ވަނީ ވިދާޅުވެފައެވެ.
އަސާސީ ބޭންކިންގ ޚިދުމަތަށް މާލޭގައިވެސް ބޮޑު ޑިމާންޑެއް އޮތް އިރު މި ޚިދުމަތުން ރަށްތަކުގެ ރައްޔިތުން މަޙްރޫމް ވާން ޖެހޭ ކަމަށް ޤަބޫލު ނުކުރައްވާ ކަަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވައިގެން އޭޓީއެމްގެ ޚިދުމަތް ރަށްރަށުގައި ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރާ ބީއެމްއެލް ގުޅިގެން ފައްޓަވާފައިވަނީ ވީހާވެސް ރައްޔިތުންނާ ގާތުން ލުއި ފަސޭހަކަމާއެކު ބޭންކިންގެ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.