ޚަބަރު

ތަޢުލީމީ ދާއިރާއިން ކާމިޔާބު މަސައްކަތް ތަކެއް ކުރުމަށްފަހު 5 ވަނަ ޓީޗާސް ކޮންފަރެންސް ނިންމާލައިފި


އައްޑޫސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ފަސް ވަނަ ބައިނަލް އަޤްވާމީ ޓީޗާރސް ކޮންފަރެންސް ނިންމާލައިފިއެވެ. މިކޮންފަރެންސް ނިންމާލި އިރު ވަނީ ބަޙުސު ކުރަން ހުށަހެޅި މުހިއްމު 3 ކަރުދާހެއް ފާހަގަ ކޮށް ރާއްޖޭގެ ތައުލީމީ ދާއިރާއަށް މިކަރުދާސް ތަކުގެ މުހިއްމު ކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައެވެ.
މިކޮންފަރެންސްގައި ފާހަގަ ކޮށްފައިވާ ގޮތުން ހުށހެޅި ޓީޗަރުންގެ ކެޓަގަރީން ހުށަހެޅި ކަރުދާސް ތަކުގެ ތެރެއިން އެންމެ ރަނގަޅު ކަރުދާހަކަށް ހުށަހަޅާފައިވަނީ، އޯޓިޒަމް ކުދިންނަށް ޤުރުއާން ދަސްކޮށްދެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ހަދާފައިވާ ދިރާސާ އަކަށް، ވެން ރޮސްލީނާ ބިންތި ވެން ޔޫސުފްހުށަހެޅި ކަރުދާހެވެ. މިކެޓަގަރީގެ ދެން އެންމެ ރަނގަޅު ކަރުދާހަކަށް ހޮވިފައިވަނީ، ގުޅިގެން ކިޔަވައި ދިނުމާއި ބެހޭގޮތުން އަމިނަތު އަދާލާ ރަޝީދު ހުށަހެޅި ކަރުދާހެވެ.

ކިޔަވައިދިނުމުގެ ދައިރާއިން ތަމްރީނު ކުރާފަރާތްތަކާއި، ދިރާސާ ކުރާފަރާތްތަކަށް ޚާއްސަ ކެޓަގަރީން އެއްވަނަ ކަރުދާހަކަށް ހޮވިފައިވަނީ، ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަން ރާއްޖޭގެ ދަށް ގްރޭޑްތަކުގެ ކުލާސްތަކުގައި ބޭނުންކުރެވޭ މިންވަރާ ބެހޭ ގޮތުން މަރިޔަމް ޝަރީފާ ހުށަހެޅި ކަރުދާހެވެ. މިކެޓަގަރީން ދެވަނަ އަށް ހޮވިފައިވަނީ، ތަފާތު ދައިރާތަށް ހިމަނައިގެން ކަރިކިއުލަމެއް ޑިޒައިން ކޮށް ކިޔަވައި ދިނުމާއި ގުޅޭގޮތުން ހުށަހެޅުނު ދިރާސާ ކަރުދާހެވެ. މިކަރުދާސް ހުށަހަޅާފައިވަނީ، ޝުހުދާ ރިޒްވާން އާއި ޠާހިރާ އަބްދުﷲ އަދި ފާޠިމަތު ހަފްސާއެވެ. މިކެޓަގަރީގެ އިން ދެން ހޮވިފައިވަނީ އީ-ޕޯޓްފޯލިއޯ މެދުވެރިކޮށް ކިޔަވައިދެވިދާނެ ގޮތަކާއި ބެހޭ ގޮތުން ޑރ. އާމިނަތު ޝާފިޔާ އާދަމް ތައްޔާރު ކޮއްފައިވާ ކަރުދާހެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިކޮންފަރެންސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި، ދުނިޔޭގެ އެކި ޤައުމުތަކުން މަންދޫބުން ވަނީ ބައިވެރިވެވަޑައިގެން ފައެވެ. އެންއައީ އިން މަޢުލޫމާތު ދިން ގޮތުގައި ކޮންފަރެންސް ގައި 250 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި މިކޮންފަރެންސަށް 87 ކަރުދާސް ވަނީ ހުށަހަޅާފައެވެ. މިކޮންފަރެންސް ގައި ކަރުދާސް ހުށަހެޅި ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ. މީގެ އިތުރުން އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ކޮންފަރެންސްގައި ދެ ކެޓަގަރީ އަކުން އެންމެ ރަނގަޅު ކަރުދާސް ވަނީ ހޮވާފައެވެ.

މިރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވީ، މެލޭޝިއާގެ ޔުނިވާސިޓީ ތުން ޢަބްދުލް ރައްޒާޤްގެ ވައިސް ޗާންސަލަރ، ޕްރޮފެސާރ ދަތިން ޕަޑުކާ ޑރ. ސަމްސިނާރު ބިންތި އެމްޑީ ސިޑިންއެވެ. އެކަމަނާގެ ނިންމުމުގެ ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޤައިމު ބިނާކުރުމުގައިއާއި ދުނިޔޭގެ އެކި ފަންތީގައި ފާހަގަ ކޮއްލެވޭފަދަ ތަޢުލީމީ ދަރިވަރުން ބިނާ ކުރެވޭނެ ކަން މިކޮންފަރެންސްގެ ތެރެއިން އެނގިގެން ހިނގައްޖެ ކަމަށެވެ.

އެންއައިއީން އިންތިޒާމު ކުރި މިކޮންފަރެންސަކީ ޓީޗަރުންނަށް އަމާޒުކޮށްގެން، ސްކޫލްތަކުގައި މަސައްކަތް ކުރާ ޓީޗަރުންގެ މެދުގައި ދިރާސާ ކުރުމުގެ ސަޤާފަތެއް ޤާއިމްކުރުމަށާއި ޢިލްމީ މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ފަރާތްތަކަށް ރާއްޖެ ހުޅުވާލުމަށް ކުރިއަށް ގެންދިޔަ ކޮންފަރެންސެކެވެ. ކޮންފަރެންސްގެ ބައިވެރިންވެސް ވަނީ ކޮންފަރެންސް ގެ ސަބަބުން ވަރަށް ރަނގަޅު މަޢުލޫމާތު ތަކެއް ލިބި ކިޔަވައިދިނުމުގައި ބޭނުންތެރި ގިނަ ކަންކަން ދަސްވި ކަން ފާހަގަ ކޮށްފައެވެ. އެންއައިއީން ބުނީ މިކޮންފަރެންސް ވަރަށް ކާމިޔާބު ކަމަށާއި ކުރިއަށް އޮތް ކޮންފަރެސްތަށް ވެސް ރާއްޖޭގެ އެހެން ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.