ތަޢުލީމު

ތަޢުލީމީ ދާއިރާގެ ސިޔާސަތުތައް ބަދަލުކޮށް މުހިންމު ޙައްލުތައް މިދަނީ ގެންނަމުން - ރައީސް


އެންމެ ޅަފަތުގެ ތަޢުލީމުން ފެށިގެން، ޔުނިވަރސިޓީ ތަޢުލީމާ ހަމައަށް ތަޢުލީމީ ދާއިރާގެ ސިޔާސަތުތައް ބަދަލުކޮށް މުހިންމު ޙައްލުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނ. ކުޑަފަރީ ސްކޫލުގެ 50 ވަނަ އަހަރީދުވަހުގެ ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުންނެވީ ހުރިހާ ދާއިރާއަކުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ގާތުން ބަލާ އޮޅުންފިލުވައިގެންކަމަށާއި، ތަޢުލީމީ ދާއިރާއާ ގުޅޭ ގޮތުން ޓީޗަރުންނާއި، ދަރިވަރުން އެންމެ ބޭނުންވާ ކަންކަން ދެނެގަނެ، ބެލެނިވެރިންގެ ޝަކުވާތައްވެސް އައްސަވާފައިވާކަމަށެވެ.

ތައުލީމީ ދާއިރާއަށް މުހިއްމު ބަދަލުތަކެއް ސަރުކާރުން ގެންވަން ފައްޓަވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެ ދާއިރާ ހަރުދަނާކުރުމަށް، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ.

"ރާއްޖޭގެ މުޅި ތަޢުލީމީ ސިޔާސަތު ބަދަލުވެ، ކިޔަވައިދިނުމަކީ ދައުލަތުގެ ޒިންމާއަކަށް މިއަދު ވެއްޖެ. ރާއްޖޭގެ މުޅި ތާރީޚުގާވެސް، ރައްޔިތުންނަށް ކިޔަވާދިނުމަށް ދައުލަތުގެ ފަރާތުން، އެންމެ ބޮޑު އެހީތެރިކަމެއް ދޭން ފެށީ މިސަރުކާރުން. އެކަމުގެ ހެޔޮ ނަތީޖާ، މާތް ﷲގެ ވާގިފުޅާއެކު މާލަސްތަކެއް ނުވެ ފެންނަން ފަށާނެ. އަޅުގަނޑު މިދަންނަވަނީ، ކިޔަވައިގެން މޮޅެތި ކުދިންނަށް ވުމަށް ތިޔަ ދަރިވަރުން މަސައްކަތް ކުރަންޖެހޭ ވާހަކަ. މިދަންނަވަނީ، އެފުރުޞަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް، ބެލެނިވެރިން ދަރިންނަށް މަގުދައްކައިދޭންޖެހޭ ވާހަކަ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ ބޮޑު ތަފާތަކީ، ޢިލްމީ ގޮތުން ސިކުނޑިތައް ހުޅުވައިދިނުމާއެކު، ދިރިއުޅުމުގެ ޢަމަލީ މައިދާނަށް އެކުދިން އަހުލުވެރި ކުރުވުންކަމަށެވެ. އަދި ވަށާޖެހޭ ތަޢުލީމީ ނިޒާމެއްގެ ތެރެއިން، ބަރާބަރު ޖަޒީރާ ސްކޫލްތަކެއް ހިންގުމަށް ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައެޅީ، އެ މަޤްޞަދު ޙާޞިލްކުރުމުގެ ބޭނުމުގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިހިނގާ ދިރާސީ އަހަރު، ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ބާރައާ ހަމައަށް ރާއްޖޭގައި ހަތްދިހަ ހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލް ކުރަމުންދާއިރު، މިހާރު ހުރި ސަރުކާރުގެ 213 ސްކޫލްގެ ތެރެއިން 144 ސްކޫލް މިހާރު އެއް ދަންފަޅިއަށް ބަދަލުކުރެވިފައިވާކަން ފާހަގަކުރައްވައި ބާކީހުރި 69 ސްކޫލް، އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ތަންފީޒީ މަރުޙަލާ މިހާރު ފެށިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައެވެ.

މަތީ ސާނަވީ ނިންމުމަށް ފަހު، ދަރިވަރުން މަތީ ތަޢުލީމުގެ މަރުޙަލާތަކާ ކުރިމަތިލާއިރު، ސާނަވީއާ ހަމައިން ކިޔެވުން ދޫކޮށްލައި، ދިރިއުޅުމުގެ ކަންކަމަށް އެނބުރޭ ތަން ފެންނަކަން ފާހަގަކުރައްވަމުން ރައީސްވަނީ ރާއްޖޭގައި މިހާރު ފަހިވެފަ ހުރި ފުރުޞަތުތަކަށް ބަލާއިރު، ގްރޭޑް 12 ނިންމާފަ ކިޔެވުން ހުއްޓާލުމަކީ، އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް ވިދާޅުވެ ސަރުކާރުން ފޯރުކޮށްދެއްވާ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ދަރިވަރުންނަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުގެ އުންމީދަކީ، އަދި އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ، ސަރުކާރުން ފަހިކޮށްދީފަވާ ފުރުޞަތުތަކުގެ ބޭނުން، ވީއެންމެ ރަނގަޅަކަށް ހިފާ، ޤައުމަށް ބޭނުންތެރި ކުދިންތަކަކަށް ވުން" ރައީސް ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ ކުޑަފަރީ ސްކޫލަށް ކުރިމަތިވެފައިވާ ޢިމާރާތުގެ ދަތިކަން ހައްލުކުރުމަށް ސްކޫލްގެ އައު ޢިމާރާތް ހެދުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައި އެކަމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފައްޓަވައި ދެއްވާނެކަމުގެ ޚަބަރު އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ކުޑަފަރީ ސުކޫލުގައި ސްމާޓް ކްލާސްރޫމްތަކުގެ މަސައްކަތް، މިއަހަރުގެ ތެރޭގަ ފެށިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިޖަލްސާގައިވަނީ ކުޑަފަރީ ސުލކޫލުންދޭ އެންމެ ޝަރަފުވެރި ލަގަބުކަމުގައިވާ މަކްތަބުލް ބިދާޔާގެ ލަޤަބު ރައީސުލްޖުމްހޫރިއްޔާއަށާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އަށް އަރުވާފައެވެ. ކުޑަފަރީ ސްކޫލަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި މިޖަލްސާގައި ސްކޫލްގެ ވެބްސައިޓް އިފްތިތާހްކުރުމުގެ އިތުރުން ސްކޫލަށް ގިނަދުވަހު ޚިދުމަތްކުރެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާވަނީ އަރުވާފައެވެ.