ވިޔަފާރި

ފަތުރުވެރިކަމުގެ މައިގަނޑު ހުރިހާ ވައުދެއް 2 އަހަރުތެރޭ ނިމޭނެ - އަލީ ވަހީދު

މި ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވައުދުވި މައިގަނޑު ހުރިހާ ކަމެއް ފުރަތަމަ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައިވެސް ފަތުރުވެރިކަމުގެ ސިނާއަތުގެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން 5 އަހަރުގެ ތެރޭގައި ކުރުމަށް ވައުދުވި މައިގަނޑު ހުރިހާކަމެއް ފުރަތަމަ 2 އަހަރުގެ ތެރޭގައި ނިންމާނެކަމަށާއި، މިކަންކަން ހާސިލްކުރުމަށް ސިނާއަތުގެ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުން ލިބެމުންއަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެތެރޭގައި ސިނާއަތުގެ ހުރިހާ އެސޯސިއޭޝަންތަކާއި، ރިސޯޓްތަކާއި ގެސްޓްހައުސްތައް ހިމެނެއެވެ.

"އިރާދަ ކުރެއްވިއްޔާ މިއަންނަ އަހަރުގެ މޭމަހުގެ 1 ވަނަ ދުވަހު އަޅުގަނޑުމެން ރިސޯޓް މުވައްޒަފުންގެ ދަފްތަރު ނިންމައި މުވައްޒަފުންގެ ފޯނާއި ހިސާބަށް ގެނެސްދޭނަން. އެއިރުން އަޅުގަނޑުމެން ކުރީދުވަހު އިފްތިތާހްކުރި މާސްޓަރ ޕްލޭންގެ މަސައްކަތް ނިންމައި ޑެލިވަރ ކުރާނަން. އަޅުގަނޑު އުންމީދުކުރަނީ 5 އަހަރުތެރޭގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވި ވައުދުތަކުގެ ތެރެއިން މައިގަނޑު ހުރިހާ ކަމެއް ފުރަތަމަ 2 އަހަރުތެރޭ އަޅުގަނޑުމެން ނިންމާނަން." އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރޭގައި ރާއްޖޭގައި ޙިދުމަތްދޭ ހުރިހާ ތަނެއް އިންސްޕެކްޓް ކުރުމާއި، 2020 އަހަރުން 2025 އަހަރަށް އެކުލަވާލާ ޓޫރިޒަމް މާސްޓަރ ޕްލޭން އިފްތިތާހްކުރުމާއި، ބޭރުގެ މަޝްހޫރު ފަރާތްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމާއި، ކަލްޗަރަލް ޓޫރިޒަމްއާއި ސްޕޯޓްސް ޓޫރިޒަމް ފަދަ ކޮންޕޯނަންޓް ފަތުރުވެރިކަމަށް އިތުރުކުރުން ފަދަ ކަންކަން ހިމެނެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ ނިޔަލަށް 9 ލައްކަ ނުވަދިހަ ހަތަރުހާސް ހަތްސަތޭކަ ތެއްތިރީސް ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 17.2 އިންސައްތައިގެ ކުރިއެރުމެކެވެ.