ޚަބަރު

ރާއްޖޭގައި އުފެދިފައިވާ ދީނީ ހަރުކަށި ފިކުރުގެ މީހުންނަށް ދީނީ ފުރިހަމަ ތައުލީމު ދޭންޖެހޭ - ސަނީފް


ރާއްޖޭގައި އުފެދިފައިވާ ދީނީ ހަރުކަށި ފިކުރުގެ މީހުންނަށް ދީނީ ތައުލީމު ފުރިހަމަ ގޮތުގައި ދޭންޖެހޭ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ރިޟްވާންގެ މަރުގެ މައްސަލާގައި ތައްޔާރުކޮށްފައިވާ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ހުޅުވާލި ފުރުޞަތުގައި ވާހަކަ ދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް ވިދާޅުވީ މި ރިޕޯޓަށް ބަލައިލުމުން ރާއްޖޭގައި ދީނީ ހަރުކަށި ފިކުރަކާއި، ހައްދުފަހަނަ އަޅާފައިވާ ފިކުރެއް އެޅޭކަން ސާފުވާކަމަށެވެ. މިއީ ރާއްޖެފަދަ އިސްލާމީ ޤައުމެއްގައި ވިސްނުންތެރިކަމާއެކު ހުއްޓުވެންޖެހޭ ކަމެއްކަމަށާއި، މިކަން ކުރެވޭނީ އިސްލާމީ ތަޢުލީމް ރަގަޅު ގޮތުގައި ފޯރުކޮށްދެވިގެންކަމަށްވެސް ސަނީފް ވިދާޅުވިއެވެ. އިސްލާމްދީނަކީ ހަރުކަށި ކަމާއި، އަނިޔާވެރިކަމާއި، މާރާމާރީތަކަށް ތަރުހީބުދޭ ދީނެއް ނޫންކަމަށާއި، ދީނުގައި މިކަންކަން އޮންނަ ގޮތް ތައުލީމީ މަންހަޖު މެދުވެރިކޮށްގެންވެސް ކިޔައިދޭންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މިމައްސަލަ މިހިސާބަށް އައިއިރު މީގެކުރިންވެސް މިފަދަ އެތައްކަމެއް ހިނގައި ރައްޔިތުންގެ ސަމާލުކަމަށްވެސް ނައިސް އެބަހުރި ކަމަށާއި، މިފަދަ ކަންކަމަކީ މި މުޖުތަމައު ބަލައިގަންނަ ކަންތައްތަކެއް ނޫންކަމަށްވެސް ސަނީފް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، އިސްލާމްދީނުގެ ނަމުގައި ހިންގާ ލާއިންސާނީ އަމަލުތަކާއި، ޖަރީމާތަކުގެ ސަަބަބުން މުސްލިމް އެތައް ރައްޔިތުން މިއަދުވެސް ހިއްދަތި ކަމާއި ހިތާމައިގައި ދިރިއުޅުން ތަހައްމަލު ކުރަންޖެހިފައިވާކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެފަދަ ކުޑަ އާބާދީއެއްގައި މިފަދަ ދީީނާއި ޚިލާފް ފިކުރުތައް ފުޅާވެ ބޮޑުވެގެންދާނަމަ މީގެ ނޭދެވޭ އަސަރު ކުރާނީ މުޅި މުޖުތަމައުއަށް ކަމަށެވެ. އަދި ދައުލަތުގެ މުވައައްސަސާތަކާއި، މުއައްސަސާތަކުގެ ބައެއް އިސްވެރިންނަކީ މިފަދަ ފިކުރުތަކަށް ތާއީދުކުރާ ބައެއްކަން މި ރިޕޯޓުން ހާމަވާކަމަށާއި، މިފަދަ ފަރާތްތަކަކީ މި ފިކުރުން ޤައުމު ސަލާމަތްކުރާއިރު އެފަދަ މުވައްސަސާތަކުގައި ތިބެންޖެހޭ ބައެއްކަމަށް ޤަބޫލު ނުކުރައްވާކަމަށްވެސް އަފީފް ވިދާޅުވިއެވެ.

ރިޟްވާންގެ މަރުގެ މައްސަލާގައި ނެރެފައިވާ ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ގިނަ މެމްބަރުންވަނީ މިމައްސަލާގައި ޝަމިލްވާ ފަރާތްތައް ހައްޔަރުކޮށް، އަޅަންޖެހޭ ފިޔަވަޅު މިހާރުން މިހާރަށް އެޅުމަށް ގޮވާލައްވާފައެވެ.