ކުޅިވަރު

ވީއޭއެމްގެ މައްސަލަ ހައްލުކޮށްދިނުމުގައި އެހީތެރިވާން އެފްއައިވީބީ ތައްޔާރު


ދިވެހިރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ އެކްސްކޯ އުވާލުމާއި ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް އެހީތެރިވާން ތައްޔާރަށް އޮތްކަމަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީން ބުނެފިއެވެ.

މިދިޔަ ޖޫން މަހުގެ 10ވަނަ ދުވަހު ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފާއި ގުޅުން ހުރި މައްސަލަތައް ތަހުގީގުކޮށް، ކޮމިޝަނާ އޮފް ސްޕޯޓްސްވަނީ، ވީއޭއެމްގެ އޭރުގެ ހިންގާ ކޮމިޓީ އުވާލައި އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާއި ހަވާލްކޮށްފައެވެ.

އެހެންނަމަވެސް އެފްއައިވީބީންވަނީ ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން އައްޔަނުކުރި ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަކަމަށް ބުނެ އިއްޔެ އެ ކޮމިޓީގެ ރައީސް އަބްދުﷲ އާމިރަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި އެފްއައިވީބީން ބުނެފައިވަނީ އެ އިދާރާއިން ބަލައިގަންނަނީ ސައްޙަ އިންތިޚާބަކުން އިންތިޚާބުވެފައިއޮތް ރައީސް މުޙައްމަދު ލަތީފްގެ އެކްސްކޯކަމަށާއި، އަދި ވީއޭއެމްގެ ހިންގުން ވީ އެންމެ އަވަހަކަށް ލަތީފްގެ ލީޑާޝީޕާއި ހަވާލުކުރުމަށެވެ.

މި ސިޓީގައިވާގޮތުން އެފްއައިވިބީގެ އެންގުމަށް މިހާރުގެ ނޯމަލައިޒޭޝަން ކޮމިޓީން އަމަލުނުކޮށްފިނަމަ ރާއްޖޭގެ ވޮލީބޯޅައަށް ސަސްޕެންޝަނެއް އައުން އެކަށީގެންވާކަމަށެވެ. އެހެންނަމަވެސް އެއްވެސް ކަހަލަ ސަސްޕެންޝަނެއް ދިވެހިރާއްޖެއަށް އައުމަށް ނޭނދޭކަން ހާމަކޮށް އެފްއައިވިބީންވަނީ ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ހުރިހާ ފަރާތްތަކާއިއެކު މަޝްވަރާކުރަން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.

ލަތީފްގެ އެކްސްކޯއަށް ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ މިދިޔަ އަހަރު ބޭއްވީ ވީއޭއެމްގެ އާންމު ޖަލްސާގައި އެންމެ މެންބަރެއްގެ ހާޒިރުގައި އަސާސީ ގަވާއިދު ބަދަލުކުރުމުންނެވެ. އަދި ވީއޭއެމްގެ ލޯގޯވެސް ބަދަލުކޮށް، ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގައި ރަޖިސްޓްރީ ނުކޮށް މި ލޯގޯ ބޭނުންކުރުމުން އެކަންވެސްވަނީ ގިނަ ބަޔަކު ފާހަގަކޮށްފައެވެ.