އަތޮޅުތައް

މާއެނބޫދޫ ބަދަރުގެ ބޮޑުބައެއް ނިމިއްޖެ - މިނިސްޓަރ މުއިއްޒު


ނިލަންދެ އަތޮޅު
ދެކުނުބުރި މާއެނބޫދޫގެ ބަނދަރުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށާއި،
މިހާރު ކުރިއަށްދަނީ ބަނދަރު މަގުގައި ގާއެތުރުން ކަމަށް ހައުސިންގ މިނިސްޓަރ ޑރ.
މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ދ. މާއެނބޫދޫ ބަނދަރަކީ
ސަރުކާރުގެ ބަޖެޓުން 52 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ ބަނދަރެކެވެ. މިހާތަނަށް
ބަނދަރެއް ނެތް އެރަށުގަ ހަދާ މިބަނދަރަކީ އަށްސަތޭކަ ފޫޓުގެ ބޮޑު ބަނދަރެކެވެ.



ހައުސިންގ މިނިސްޓަރ
ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާއެނބޫދޫގައި ހަދާ ބަނދަރަކީ އެރަށު
ރައްޔިތުންނަނަށް އެންމެ އެކަށޭނަ ބަނދަރެއްކަމަށެވެ. ބަނދަރުގެ މަސައްކަތް މިހާރު
ގާތްގަނޑަކަށް ނިމިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ބަނދަރު މަގުގައި
ގާއެތުރުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި އެބަނދަރު ހަދާފައިވަނީ، އެރަށުގައި ޖާގަ އޮތް މިންވަރާ ބަލާއިރު ހެދޭނެ
އެންމެ ބޮޑު މިންވަރަށްކަމަށްވެސް ވިދާޅުވިއެވެ.



މިބަނދަރު ހަދާ
ނިމުމުން ރަށަށްވަރަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށާއި، އިޖްތިމާއީ
ގޮތުންނާއި،މީ އިޤްތިޞާދީ ގޮތުން ހުޅުވިގެންދާ ދޮރެއްކަމަށް މިނިސްޓަރ މުއިއްޒު
ވިދާޅުވިއެވެ.



މިނިސްޓަރ މުއިއްޒު
ވިދާޅުވީ، ބަނަދަރު ހަދަމުން ގެންދިޔައިރު އެރަށު ރައްޔިތުން ބަނދަރަށް ގެންނަން ބޭނުންވާ
ބަދަލުތައް ގެނެސްފައިވާކަމަށާއި، ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ،
ރައްޔިތުންނާއި ގުޅިގެންކަމަށެވެ. ދ. މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް
މުހައްމަދު ވިދާޅުވީ، ސަރކާރުން އަންނަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ
ޚިދުމަތްތައް ހޯދައިދެމުންކަމަށެވެ.



ދ. މާއެނބޫދޫ ބަނދަރުގެ
މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގައި
މިނިސްޓަރ ވަނީ އެރަށު ކައުންސިލާ ބައްދަލުކޮށް އުމްރާނީ ގޮތުން ކޮށްދެވޭނެ
ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.