ޚަބަރު

ޤައުމީ ޔުނިވަރސިޓީން ދޭ ސްކޯލަރޝިޕްތަކަށް ހޮވުނު ދަރިވަރުންނާއި ލިޔުން ޙަވާލުކޮށްފި


ދިވެހި ޤައުމީ ޔުނިވަރސިޓީން މިއަހަރުދޭ ސްކޮލަރޝިޕާއި ޝަހީދު އެވޯޑު ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން ޙަވާލުކޮށްފިއެވެ.

ޤައުމީ ޔުނިވަރސިޓީގެ 2019 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން ސްކޯލަރޝިޕަށް ކުރިމަތިލި ފަރާތްތަކަށް އެވޯޑު ޙަވާލުކޮށްދެއްވީ އެ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. ޙަސަން ޙަމީދެވެ. މިއަހަރުގެ ދެވަނަޓާމުގެ ހިލޭ ޓިއުޝަން ފީ ސްކޯލަރޝިޕުގެ 20 ފުރުޞަތަށް 27 ދަރިވަރަކުވަނީ ކުރިމަތިލާފައެވެ. އަދި ފުލް ސްކޮލަރޝިޕަށް 4 ފުރުޞަތު ހުޅުވާލިއިރު މިފުރުސަތުތަކަށް 20 ދަރިވަރުންވަނީ ކުރިމަތިލާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ.މުޙައްމަދު ޝަރީފް ވިދާޅުވީ މިސްކޮލަރޝިޕް ފުރުޞަތަކީ އެ ޔުނިވަރސިޓީގެ ދަރިވަރުންގެ މެދުގައި ވަރަށް މަޤުބޫލު ސްކޯލަރޝިޕެއްނަމަވެސް މިއަހަރު ކުރިމަތިލީ ދަރިވަރުންގެ ޢަދަދު ވަރަށްބޮޑަށް މަދުކަމަށެވެ. ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެން ދިޔުމަކީ މިޢަދަދު މަދުވި ސަބަބެއްކަމަށް ލަފާކުރެވޭއިރު ކުރިއަށް އޮތް ތަނުގައި ސްކޯލަރޝިޕް ދެވޭ އުސޫލުތައް މުރާޖާކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ސްކޮލަރޝިޕް އެވޯޑާއި 1988 ވަނަ އަހަރު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި ޝަހީދުވި ފަރާތްތަކުގެ ހަނދާން އާކުރުމަށް އެ ޔުނިވަރސިޓީއިންދޭ ޝަހީދު އެވޯޑު ދެނީ ކޮންމެ އަހަރެއްގެވެސް ފުރަތަމަ ސެމިސްޓަރގައި އެންމެ ރަނގަޅު ނަތީޖާއާއެކު މިސްކޮލަރޝިޕަށް ކުރިމަތިލާ ދަރިވަރުންނަށެވެ. މީގެ ކުރިން މިއެވޯޑުތަކަށް 200 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލާކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.