ކަނޑުމަގުގެ ގުޅުމަކީ ހަމައެކަނި ދަތުރުފަތުރުގެ މައްސަލައެއްގެ ގޮތުގައި ނުދެކި، ތަރައްޤީއާއި މޫސުމީ މައްސަލައެއްގެ ގޮތުގައި ދެކެންޖެހޭ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒިރު މިފަދައިން ވިދާޅުވީ ތުރުކީވިލާތުގެ އިސްތަންބޫލްގައި މިމަހުގެ 27 އިން 29 އަށް ކުރިއަށްދާ "ގްލޯބަލް ޓްރާންސްޕޯޓް ކަނެކްޓިވިޓީ ފޯރަމް 2025" ގައިި "މެރިޓައިމް ކަނެކްޓިވިޓީ ފޯރ އައިލެންޑް އެންޑް ކޯސްޓަލް ނޭޝަންސް: ޝެއަރޑް އޮޕަޗުނިޓީސް، ޑިސްޓިންކްޓް ޗެލެންޖަސް" މި ސެޝަންގެ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މި ސެޝަންގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އަމީން ވަނީ ދިވެހިރާއްޖޭގެ ބިންފުޅާކަން ނެތުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ އެންމެ ކުދި ރަށްތަކަށްވެސް ފަސޭހައިން ޚިދުމަތްދެވޭނެ ގޮތަކަށް ފެރީ ނެޓްވޯކްތަކާއި، ރަނގަޅަށް ހެދިފައިވާ ބަނދަރުތަކާއި، ޑިޖިޓަލް ޝެޑިއުލިންގ ސިސްޓަމްތަކެއް ތަރައްޤީކޮށް، ރަށްރަށު ދެމެދުގައި ގުޅުން ޤާއިމުކުރުމަށް ސަރުކާރުން އިސްކަންދޭކަމަށެވެ.
ވަޒިރުގެ ވާހަކަފުޅުގައި ވަނީ ބްލޫ އިކޮނޮމީގެ މުހިއްމުކަން ފާހަގަކުރައްވައި ދެމެހެއްޓެނިވި މަސްވެރިކަން ފުޅާކުރުމާއި، މާލެ ސަރަޙައްދުން ބޭރުގައިވެސް މެރިން ޓޫރިޒަމް ކުރިއެރުވުމާއި، ރަށްރަށު ދެމެދުގެ ލޮޖިސްޓިކްސް އަދި ކަނޑުގެ ހަކަތަ ފަދަ ޚިދުމަތްތައް ހޯދުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކަނޑުމަގުގެ ގުޅުން ރަނގަޅުކޮށްގެން، ތިމާވެށްޓަށް ގެއްލުން ނުވާނެ ގޮތަކަށް މި ދާއިރާތަކުގެ ފުރިހަމަ ފައިދާ ނެގިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ކަނޑުގެ ސަލާމަތީ މިންގަނޑުތައް ހަމަޖެއްސުމާއި، ކާރިސާތަކަށް ތައްޔާރުވުން އިތުރުކުރުމާއި، ބަނދަރުތަކާއި ފެރީތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދިނުމަށްޓަކައި ސާކް، އައި.އޯ.އާރް.އޭ، ގުޅިގެން ދަނީ މަސައްކަތްކުރަމުން. ރަށްރަށާއި އައްސޭރިފަށުގެ ޤައުމުތަކުގެ މެދުގައި ދެފުށް ފެންނަ ގޮތެއްގައި ގުޅުން ބަދަހިކޮށް، އެހީތެރިވެދޭނެ އެހެނިހެން ޕާޓްނަރޝިޕްތަކަށް މަރުޙަބާ ދަންނަވަން." ދަތުރުފަތުރާއިން މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ވަޒީރު އަމީން ވަނީ މާލީ އެހީތެރިކަން، ޚާއްޞަކޮށް ހިލޭ އެހީގެ ފައިސާ އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކުން ރައްކާތެރިވާނެ ކަންކަމަށް އިންވެސްޓްކުރުން މިހާރުވެސް ބޭނުންތެރިކަމަށް ފާހަގަކުރައްވާފައެވެ. އަދި، ޓެކްނޮލޮޖީއާއި، ހުނަރުތައް ދަސްކޮށްދިނުމާއި، ޤާބިލުކަން އިތުރުކުރުމަކީވެސް މުހިއްމުކަމެއްކަން ފާހަގަކުރެއްވުއެވެ. ނަމަވެސް އެންމެ މުހިންމުކަމަކީ، ދުނިޔޭގެ މުޖުތަމަޢުން ރަށްރަށުގެ ޤައުމުތަކަށް ކަނޑުމަގުގެ ގުޅުމަކީ ހަމައެކަނި ދަތުރުފަތުރުގެ މައްސަލައެއްގެ ގޮތުގައި ނުދެކެ، ތަރައްޤީއާއި މޫސުމީ މައްސަލައެއްގެ ގޮތުގައި ދެކެންޖެހޭ ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
ވަޒީރު އަމީން "ގްލޯބަލް ޓްރާންސްޕޯޓް ކަނެކްޓިވިޓީ ފޯރަމް 2025"ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި މުހިންމު ދާއިރާތަކުން ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.
މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ދަތުރުފަތުރުގެ ވުޒާރާތަކުގެ ވަޒީރުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސް ބޭފުޅުންނާއި، މާލީ އިދާރާތަކާއި، ޕްރައިވެޓް ސެކްޓަރގެ އިސްވެރިންނާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަންނީ ބޭފުޅުން އެއްތަނަކަށް ޖަމާކޮށް، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ވިއުގަތައް ތަރައްޤީކުރުމާއި އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރުމެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ފޯރަމްގައި 20 އަށްވުރެ ގިނަ ތީމެޓިކް ޕެނަލް ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމްގެ މަޝްވަރާތައް އަމާޒުކޮށްފައިވަނީ ދެމެހެއްޓެނިވި ތަރައްޤީއާއި، ތިމާވެށްޓާ ރައްޓެހި ބަދަލުތަކާއި، އަދި ދުނިޔޭގެ ފެންވަރުގައި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށެވެ. މީގެ އިތުރުން، މި ފޯރަމްގައި ޚާއްޞަ ސަމާލުކަމެއް ދެވޭނީ ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގަތައް އެއްކޮށްލައިގެން ރަނގަޅަށް ތަރައްޤީކުރާނެ ގޮތާއި، އަސާސީ ވަސީލަތްތަކަށް އިންވެސްޓްކުރުމުގައި ހުރި ދަތިތައް ފޫބެއްދުމާއި، އަދި ސަރުކާރުތަކާއި، ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކާއި އަދި އަމިއްލަ ވިޔަފާރިތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށެވެ.
ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އިފްތިތާޙްކޮށްދެއްވި މި ފޯރަމްގައި ވަޒީރު އަމީން ބައިވެރިވެވަޑައިގެންނެވި ސެޝަނަކީ އެކި ޤައުމުތަކާއި މުއައްސަސާތަކުގެ މެދުގައި ކަނޑުމަގުގެ ގުޅުމުގެ މުސްތަޤްބަލް ބައްޓަންކުރުމުގައި ދެމިގެންދާ އިސްކަންދޭ ކަންތައްތަކާއި، ޢަމަލީ ޙަޤީޤަތްތަކާއި، އެއްބާރުލުމުގެ މަގުތަކާ ބެހޭގޮތުން އިސްތިރާޖީ މަޝްވަރާކުރުމަށް ރޭވިފައިވާ މުހިންމު މަންޞައެކެވެ.