ޕާކިސްތާނާއި އަފްޣާނިސްތާނު ޙިއްޞާކުރާ ސަރަޙައްދީ ރޮނގު ކައިރީގައި ދިން ޙަމަލާއެއްގައި ޕާކިސްތާނުގެ 13 ސިފައިން މަރާލައިފިއެވެ.
އެނގިފައިވާ ގޮތުގައި އެ ޙަމަލާ ދީފައި ވަނީ އުތުރު ވަޒީރުސްތާނުގެ މީރު ޢަލީ ސަރަޙައްދުގައެވެ. އެ ހާދިޘާ މެދުވެރިވީ ގޮވާތަކެތި ހަރުކޮށްފައި ހުރި އުޅަނދެއް އެ ސަރަޙައްދުން ދަތުރުކުރަމުންދިޔަ ޕާކިސްތާނުގެ އަސްކަރީ އުޅަނދުތަކެއްގައި ޖެއްސުމުންނެވެ. އެ ޙަމަލާގައި 13 ސިފައިން މަރުވެ، އިތުރު 10 ސިފައިންނަށް ވަނީ ޒަޚަމުވެފައެވެ. ޒަޚަމްވީ ބައެއް މީހުންގެ ޙާލު ވަރަށް ދެރައެވެ.
ބޮމުގެ ޙަމަލާ ދިން ވަގުތު އެ ސަރަޙައްދުން ބާރުގަދަ ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށާއި ވަރަށް ދުރު ސަރަޙައްދުތަކަށް ވެސް އެ ގޮވުމުގެ ސަބަބުން އަރާފައިވާ ދުންގަނޑު ފެނިފައިވާ ކަމަށް ޕާކިސްތާނުގެ އިދާރާތަކުން ބުނެއެވެ.
ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސުގެ ޗީފް މިނިސްޓަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޙަމަލާއަކީ ޖާނުން ފިދާވުމުގެ ޙަމަލާއެއް ކަމަށެވެ. އެ ޙަމަލާގައި އަށް ސަލާމަތީ އޮފިސަރުން މަރުވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސުގެ ޗީފް މިނިސްޓަރު، ޢަލީ އަމީން ގަންދަޕޫރު ވަނީ އެ ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. އޭނާ ވަނީ މަރުވި އޮފިސަރުންގެ ޢާއިލާއަށް ތައުޒިޔާ ކިޔުއްވައިފައެވެ. ޙަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.
ޙަމަލާ ދީފައިވާ ސަރަޙައްދަކީ ސަރަޙައްދީ ރޮނގުގެ ދެ ފަރާތުގައި ވެސް ޙަރަކާތްތެރިވާ ހަނގުރާމަވެރިން އެ ސަރަޙައްދުގެ ބޭނުން އާއްމުގޮތެއްގައި ހިފައި އުޅޭ ސަރަޙައްދެެކެވެ. ޕާކިސްތާނުން ޤަބޫލުކުރާ ގޮތުގައި އަފްޣާނިސްތާނުގައި ހަތިޔާރުއެޅި ހަނގުރާމަވެރިން އަސްކަރީ ތަމްރީންތައް ހިންގާ ޕާކިސްތާނަށް ޙަމަލާ ދެއެވެ. ނަމަވެސް އަފްޣާނިސްތާނުން އެކަން ދޮގުކޮށް، ހަނގުރާމަވެރިކަމަކީ ޕާކިސްތާނުގެ އަމިއްލަ މައްސަލައެއް ކަމަށް ބުނެފައިވެއެވެ.
ޕާކިސްތާނުގައި ޙަރަކާތްތެރިވާ ޠާލިބާނުންގެ ގޮތްޕެއް ކަމަށްވާ ތަހްރީކީ ޠާލިބާން ޕާކިސްތާން، ޓީޓީޕީން ޕާކިސްތާނުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ޙަމަލާތައް ދޭތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. އެ ޖަމާޢަތުން ބޭނުން ވަނީ ސަރުކާރު ވައްޓާލައި އެ ޖަމާޢަތުގެ އަމިއްލަ ވެރިކަމެއް ޕާކިސްތާނުގައި ޤާއިމުކުރާށެވެ. ޖާނުންފިދާވުމުގެ މި ޙަމަލާއާ ޓީޓީޕީއާ ގުޅުމެއް ވާކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.