ޚަބަރު

މިނިވަން ކޮމިޝަންތަކަށް އެންމެ މުހިންމު ކަމަކީ ހަރުދަނާ ސުލޫކީ މިންގަޑެއް ކަނޑައެޅުން - ޖީހަން


ރާއްޖޭގައި މިއަދު ހުރި މިނިވަން ކޮމިޝަންތަކާ ގުޅޭގޮތުން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ހަރުދަނާ ސުލޫކީ މިންގަޑެއް ކަނޑައެޅުންކަމަށް ހިންނަވަރު ދާއިރާގެ މެމްބަރުގެ ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާޙުތަކާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖީހާން ވިދާޅުވީ، މިނިވަން ކޮމިޝަނަތަކަށް، ވަކިން ޙާއްސަކޮށް ހިއުމަންރައިޓް ކޮމިޝަނަށް ދިމާވެފައިވާ އެންމެބޮޑު މައްސަލަޔަކީ ހަރުދަނާ ސުލޫކީ މިންގަނޑެއް ނެތުންކަމަށެވެ. ސުލޫކީ މިންގަނޑާއެކު އޭގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކަށް ބޯނުލަބާނަމަ އެކަމަށް ފިޔަވަޅު އެޅޭނެ އުސޫލެއްވެސް އޮންނަންޖެހޭކަމަށް ޖީހާން ވިދާޅުވިއެވެ.

ކޮމިޝަންތަކަކީ ރައްޔިތުންގެ އިތުބާރާއި އިޙުތިރާމް އޮންނަންޖެހޭ ތަންތަނަށް ވާންޖެހޭއިރު، އެތަންތަނަށް އައްޔަންކުރެވޭ ފަރާތްތަތަކަކީ ނަޒާހާތްތެރި ބަޔަކަށް ވާންޖެހޭ ކަމަށާއި، މި އިސްލާހުތައް ހުށަހެޅުއްވުގެ އެއް އަސާސްގެ ތެރޭގައި މިކަންތައް ހިމެނޭކަމަށްވެސް ޖީހާން ވިދާޅުވިއެވެ. މީގެ އިތުުރުން މިނިވަން ކޮމިޝަންތަކާއި، އެތަންތަނުގެ ވެރިންނަކީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ ފަރާތްތަކަށްވާއިރު، މަޖިލީހުގެ ގޮވާލުންތަކަށް އިޖާބަނުދޭ ފަރާތެއް ކޮމިޝަންތަކުގައި ހުރެގެން ނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ އަހަރަކު ނެރޭ އަހަރީ ރިޕޯޓުގައި ކޮމިޝަނުން ކުރެއްވި މަސައްކަތްތަކާއި، ބެއްލެވި މައްސަލަތަކާއި، އެޅި ފިޔަވަޅު އެނގޭނޭ ތަފްސީލީ ރިޕޯޓެއް ނެރުމަކީވެސް މި އިސްލާހުތައް ހުށަހެޅުމުގެ ބޭނުމެއްކަމަށް ޖީހާން ވިދާޅުވިއެވެ.

މި އިސްލާހަށް ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިޔާޒު ފަހުމީ ވިދާޅުވީ ފާއިތުވެދިޔަ 5 އަހަރުތެރޭ ރާއްޖޭގެ ރައްޔިތުންގެ އިންސާނީ ކަރާމާތްގެއްލި އެތައް ރައްޔިތަކަށް އިންސާނީ ބޮޑެތި އަނިޔާދެމުންދިޔައިރު ހިއުމަންރައިޓްސް ކޮމިޝަން އޮތްކަމެއް އެނގޭ ރައްޔިތަކު ނެތްކަމަށެވެ. މިނިވަން ކޮމިޝަންތަކަކީ ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުކުރެވޭ ފަރާތްތައް ތިބެގެންވާނޭ ތަނެއް ނޫންކަމަށާއި، މިއަދުވެސް ހިއުމަންރައިޓްސް ކޮމިޝަންގައި މިފަދަ ތުހުމަތުކުރެވޭ ބޭފުޅަކު އިންނެވިކަމީ ހިތާމަކުރައްވާ ކަމެއްކަމަށް އިންތިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިފަދަ ކަންކަން ރަނގަޅު ކުރެވޭނީ ޒިންމާދާރުކަމާއި، ހަރުދަނާކަމާއެކު މަސައްކަތްކުރެވޭ ފަރާތްތައް ކޮމިޝަންތަކުގައި ތިބެގެންކަމަށާއި، އިންސާނީ ހައްޤު ހިމާޔަތްކުރުމަކީ ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.

މި އިސްލާޙަށް ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކޮމިޝަންތަކަށް ދިމާވެފައިވާ އެންމެބޮޑު މައްސަލަޔަކީ ވަޒީފާގެ ބިރުވެރިކަމުގެ މައްސަލަކަމަށެވެ. އަދި ކޮންމެ ސަރުކާރެއް، ކޮންމެ މަޖިލީހެއް އަލަށް އިންތިޙާބުވުމަށްފަހު ކޮމިޝަންތަކުގެ ވެރިން ބަދަލުކުރުމަކީ ޤަބޫލުކުރައްވާ ކަމެއްނޫންކަމަށެވެ.

ނަމަވެސް ޤާނޫނު އަސާސީއާއި، ޤާނޫނުތަކުން ބޭރުން ކޮމިޝަންތަކުން ހިންގާ އަމަލުތައް ބަލައި ފިޔަވަޅު އެޅޭނެ އުސޫލެއް އޮތޮމަކީވެސް މުހިންމު ކަމެއްކަމުގައި ޝަރީފް ވިދާޅުވިއެވެ. މި އިސްލާހަށް ވާހަކަ ދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސެއިން ޒިޔާދު ވިދާޅުވީ ހަމައެކަނި ޤާނޫނާއި ޤަވާއިދުތައް ހެދުމަކުން ކޮމިޝަންތައް އިސްލާހެއް ނުވާނެކަމަށެވެ. އޭނާ ވިދާޅުވީ ކޮމިޝަންތައް އިސްލާހުވާނީ އެތަންތަނަށް އައްޔަންކުރެވޭ މީހުންނަކީ ނަޒާހާތްތެރި ބަޔަކަށް ވެގެންކަމަށެވެ. އަދި މިކަންކުރުމުގައި މަޖިލީހުގެ ދައުރު މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

މިއިސްލާހަށް ވާހަކަދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ މި އިސްލާހަށް ވަރަށްބޮޑަށް ތާއީދުކުރައްވާފައެވެ. އަދި މިފަދަ އިސްލާހުތައް ގެނެސްގެންވެސް ހިއުމަންރައިޓްސް ކޮމިޝަނާއި، މިނިވަން މުވައްސަސާތައް ރަނގަޅަށް ހިނގަންޖެހޭ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.