ޚަބަރު

އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން އަވަސްކުރުމާ ގުޅޭގޮތުން އިންޑިއާ އާއެކު މަޝްވަރާކޮށްފި


އިންޑިއާއާއެކު ރާއްޖެއިން ވެފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން އަވަސްކުރުމާއި ގުޅޭގޮތުން އިންޑިއާއިގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމަނިޔަމް ޖެއިޝަންކަރާއި، ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ޑރ. ސުބްރަމަނިޔަމް ޖެއިޝަންކަރް، އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ. ދެ ބޭފުޅުން ކުރިއަށްގެންދެވި މި ބައްދަލުކުރެއްވުމުގައި ސަރުކާރުން ކުރިއަށްގެންދާވާ މަސައްކަތްތަކާއި އަދި އެކި ދާއިރާތަކުން ދެ ޤައުމު ގުޅިގެން ކުރިއަށްގެދެވިދާނެ މުހިންމު ކަންކަމާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.

ޚާއްސަކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެން ރާއްޖެއާއިއެކު ވެފައިވަ އެއްބަސްވުމުގައި ހިމެނޭ ކަންކަން ކުރިއަށްދާގޮތާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި މި ސަރަޙައްދުގެ ކަނޑުގެ ސަަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އެކި ދާއިރާތަކުން މީހުން ބިނާކުރުމާއި އަދި ކުޅުދުއްފުއްޓާއި އިންޑިއާއާއިދެމެދު ފެރީ ދަތުރު ބޭއްވުމުގެ އެއްބަސްވުންތަކުގައިވަނީ ސޮއިކުރައްވާފައެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރގެ މި ދަތުރުފުޅުގައިވަނީ ޖިނާއީ ތަޙްޤީޤުތަކަށް އިނޑިއާއިން އެއްބާރުލުން ދިނުމާއި ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ.

ޑރ.ސުބަރަމަނިއަމް ޖެއި ޝަންކަރްގެ މި ދަތުރުފުޅުގައި، ހުޅުމާލޭގައި އަޅާ އިންޑިއަން އެމްބަސީގެ އާ އިމާރާތުގެ ބިންގާ އަޅައިދެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.