ސިޔާސީ

ޖޭއެސްސީގެ ޤާނޫނަށް ގެނައި އިޞްލާޙު ތަސްދީޤްކުރެއްވުމާއެކު ނަޒީރާއި މާޖިދުގެ މަޤާމު ގެއްލިއްޖެ


ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެވޭ ޢުމުރު މަތިކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޖޭއެސްސީގެ ދަށަށް ބަދަލުކުރުމަށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވައިފިއެވެ.

ރައީސް ތަސްދީޤު ކުރެއްވި އިސްލާހުގެދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް މިހާރު ކުރިމަތި ލެވޭނީ ޢުމުރުން 30 އަހަރުވެފައިވާ މީހުންނަށެވެ. ކުރިން އަމަލުކުރަމުންދިޔަ ޤާނޫނު ބުނާގޮތުން ޖޭއެސްސީގެ މެންބަރަކަށް ވެވޭނީ އުމުރުން 25 އަހަރުވެފައިވާ މީހަކަށެވެ.

މީގެ އިތުރުން މިހާރު ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުވި ޖޭއެސްސީގެ ދަށަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ބަދަލުކުރުމަށްވެސް ޖޭއެސްސީގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާހުގައިވެއެވެ. އަދި އެޑިޕާޓްމަންޓުގެ އިދާރީ އެންމެ އިސް މީހަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަމަށާއި އެ މަޤާމަށް މީހަކު އައްޔަން ކުރާނީ ޖޭއެސްސީއިން ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މި އިސްލާޙް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤްކުރެއްވުމާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އެންމެ އިސްކޮން ހުންނެވިޑރ.ޢަބްދުﷲ ނަޒީރުގެ މަޤާމު ވަނީ ގެއްލިފައެވެ.

މީގެ އިތުރުން ޖުޑީޝަލް އެކަޑަމީގެ އިދާރީ މުވައްޒަފުންނާއި މަސައްކަތާއި އެކަޑަމީގެ ހުރިހާ ވަސީލަތްތަކާއި އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްޤުތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދަށަށް ބަދަލުވާނެކަމަށްވެސް ރައީސް ތަސްދީޤްކުރެއްވި ބިލްގައި ބަޔާންކޮށްފައިވެއެވެ.

ޖުޑީޝަލް އެކަޑަމީގެ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ޖޭއެސްސީގެ ޤާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާތީ ރައީސް ތަސްދީޤްކުރެއްވި މި ބިލްގައިވާގޮތުން މިހާރު ޖުޑީޝަލް އެކެޑަމީގެ ޗާންސެލަރގެ މަޤާމުގައި ހުންންވި އަޙްމަދު މާޖިދުގެ މަޤާމުވެސް ވަނީ ގެއްލިފައެވެ.