ޚަބަރު

ރިޟުވާނާއި ގުޅޭގޮތުން އާންމުކުރި ރިޕޯޓް : މެމްބަރުންގެ ބޮޑެތި ފާޑުކިއުންތަކެއް ފުލުސްއޮފީހަށް


ރިޟުވާނާއި ގުޅޭގޮތުން އާންމުކުރި ޚުލާސާ ރިޕޯޓަށް މިއަދުގެ މަޖިލީހުގައި މެމްބަރުންނަށް ބަހުސްކުރުމަށް ހުޅުވާލި ފުރުޞަތުގައި މެމްބަރުންގެ ބޮޑެތި ފާޑުކިޔުން ފުލުސްއޮފީހަށް އަމާޒުވެއްޖެއެވެ.

މަޖިލީހުން އާންމުކޮށްފައިވާ ރިޕޯޓަށް ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒް ފަގުމީ ވިދާޅުވީ، މިރިޕޯޓުން ވަރަށް ގިނަ ކަންކަން ހާމަވެގެން ގޮސްފައިވާކަމަށެވެ. އެގޮތުން ޤައުމުގެ ސަލާމަތީ ބާރުތަކުގެ އަމަލުތައް ހުރި ގޮތާއި، އެފަރާތްތަކުގެ އިހުމާލުވުން މިމައްސަލާގައި އޮތްކަން މި ރިޕޯޓުން އާންމުވެފައިވާކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އިމްތިޔާޒް ވިދާޅުވީ މިހިނދުން މިހިނދަށްވެސް ރިޕޯޓްގައި ހުރި ކަންބޮޑުވުންތަކަށް ފިޔަވަޅު އެޅެންޖެހޭ ކަމަށާއި، އަދި ހައްޔަރުކުރުމަށް އިޝާރާތް ކޮށްފައިވާ ފަރާތްތައް ކޯޓް އަމުރެއްގެ ދަށުންވެސް ހައްޔަރުކުރަންޖެހޭކަމަށެވެ. މިމައްސަލާގައި ވާހަކަ ދެއްކެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވިދާޅުވީ ފުލުހުންގެ މުވައްސަސާގެ އިހުމާލުވުން ބޮޑުކަން މިރިޕޯޓުން ހާމަވާކަމަށެވެ.

ހަސަން ލަޠީފް ވިދާޅުވީ ބޮޑެތި ޖަރީމާތައް ހިންގުމުގައި ފުލުހުންގެ މުވައްސަސާތެރޭގެ ބައިވެރިވުން އޮތްކަމާއި، ވަކިވަކި ފުލުހުންގެ ތެރޭގައިވެސް މިބާވަތުގެ ކަންކަން ހިންގާކަން ހާމަވާކަމަށެވެ. އަދި މިއީ ޤައުމުގެ ސަލާމަތީ ބާރުތަކުން އަމަލުކޮށްގެންވާނޭ ގޮތެއް ނޫންކަމަށާއި، މިއީ ވަރަށް ކަންބޮޑުވާކަމެއްކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މިބިލަށް ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވީ ރިޟްވާންގެ މަރަކީ ވަރަށް ގިނަ ފަރާތްތަކެއްގެ އިހުމާލުވުން އޮތް މަރެއްކަމަށެވެ. އަދި މިކަމުގައި އިހުލާމުވީ ފަރާތްތަކީ ކޮބައިކަމާއި، ޝަމިލުވާ ފަރާތްތައްވެސް އެއްވެސް ޝައްކެތް ނެތްމިންވަރަށް ޔަޤީންވާއިރު މިމައްސަލަ ފޮރުވުމުގެ ބޭނުމެއް ނެތްކަމަށެވެ.

މިމައްސަލާގައި ވާހަކަދެއްކެވި މެމްބަރުންވަނީ ވަރަށްބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ވަކިން ޙާއްސަކޮށް ފުލުހުންގެ މުވައްސަސާއިން މިކަމުގައި އިހުމާލުވެފައިވާ މިންވަރާއި، ފުލުހުންގެ އިންޓަލިޖެންސުން މިމައްސަލާގައި އަމަލުކޮށްފައިވާ ގޮތުން ރައްޔިތުންގެ އިތުބާރު ވަރަށްބޮޑަށް ގެއްލިގެންދާނެކަމަށް މެމްބަރުން ފާހަގަކުރައްވާފައިވެއެވެ. އަދި މިރިޕޯޓްގައިވާ ގިނަ މަޢުލޫމާތުތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، 241 ކޮމިޓީން މިކަމުގައި ގޮތްތަކެއް ކަނޑައަޅަންޖެހޭކަމަށް ވެސް ބައެއްމެމްބަރުން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައިވާ ރިޕޯޓުގެ ޑްރާފްޓުގެ ޚުލާސާ ބަޔާނުގައިވާ ގޮތުން ރިޟުވާންވަނީ ކަނޑުމައްޗަށް ގެންގޮސް ކަރު ބުރިކޮށްލުމަށްފަހު މަރާލާފައެވެ.